ads
އާ ބިލެއް ހުށަހަޅައިގެން އިތުރު ސަކަރާތެއް ޖެހުމުގެ ބޭނުމަކީ ކޮބާ؟
މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވި އެ ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ ކަންކަމުގައި ކުރެވޭ ބަހުސް މިވަނީ ދިގުވެފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް މިހާރުއޮތް ކައުންސިލްތަކުގެ ދައުރު ޖޫން ތިން ވަނަ ދުވަހަށް ހަމަވާއިރު، ސަރުކާރުގެ ފަރާތުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭ ދެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. 

އެއް ބިލަކީ ކައުންސިލް އިންތިހާބު ބާއްވާ މުއްދަތު ފަސްކުރުމަށް ހުށަހަޅާފައިވާ ހާއްސަ ބިލެކެވެ. އަނެއް ބިލަކީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

މިކަމުގައި ސަރުކާރުގެ ސްޓޭންޑް ވަރަށް ސާފެވެ. ހައްލު ހޯދެން އޮތީ ޤާނޫނުއަސާސީ އިސްލާހު ކޮށްގެނެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ ރައީސް އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. މަޖިލިސް ރައީސް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ އިސްލާހުކުރެވޭ ވަރަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަމުގައި ވީނަމަވެސް މިދަނޑިވަޅަކީ ޤާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ. 

ޤާނޫނުއަސާސީ އިސްލާހުކުރުން ނޫންގޮތެއް ނެތް

ކައުންސިލްތަކުގެ ދައުރާއި ގުޅޭ މައްސަލައިގައި، އަދި ޤާނޫނީ ހުސްކަމަކަށް ނުދާނޭ މަގުން މަސައްކަތްކުރުމަށް އިހްތިޔާރުތަކެއް ހުރިކަމަށް މަޖިލީހުގެ މެމްބަރުން ފާހަގަކުރާ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ ޤާނޫނުއަސާސީ އިސްލާހު ކުރުމާއި، އެހެން ޤާނޫނެއް ތައާރަފްކޮށްގެން ދައުރު ދަންމާލުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަޔަކު މަގާމްތަކުގައި ބޭތިއްބުމެވެ. 

މީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ބަޔަކު މަގާމްތަކުގައި ބޭތިއްބުމަކީ ޑިމޮކްރަޓިކް ގޮތެއްނޫންކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

މަޖިލިސް ރައީސްގެ ވިސްނުންފުޅު ހުރީ އެހެން ޤާނޫނެއް ގެނެސްގެން ޤާނޫނީ ހުސްކަމެއް ނާންނާނެގޮތަށް މަސައްކަތްކުރުމަށެވެ. އެހެންނަމަވެސް އެއީ ޤާނޫނުއަސާސީއާއި ހިލާފުކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

އޭގެތެރޭގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުވެސް ހިމެނިވަޑައިގަންނަވައެވެ. ރިއްފަތު ވިދާޅުވެފައިވަނީ، މިހާލަތުގައި "3 ޖޫންގެ ފަހުން ކައުންސިލްތައް ދެމިއޮންނާނީ ޤާނޫނުއަސާސީ އިސްލާހުކޮށްގެން" ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވަނީ، "ގާނޫނުއަސާސީގައި ލިޔެ ބަޔާންކޮށްފައިވާ މުއްދަތެއް ގާނޫނުއަސާސީ އިސްލާހުނުކޮށް، އާންމު ގާނޫނަކުން ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް" ކަމަށެވެ. 

މިކަމަށް އޮތް ޤާނޫނީ ހަމައެކަނި ފަރުވާއަކީ ޤާނޫނުއަސާސީ އިސްލާހުކުރުން ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު މިކަމަށް މަޖިލީހުން އެއްބާރުލުން ދޭނެކަމަކަށް ނުފެނެއެވެ. ވީއިރު، މަޖިލިސް ރައީސްގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ލައްވާ ޤާނޫނީގޮތުން އިންތިހާބު ކުރެވޭ މަގާމުތަކަކަށް ބަޔަކު އައްޔަނުކުރުވުންބާއެވެ؟

އާ ބިލެއް ހުށަހަޅައިގެން އިތުރު ސަކަރާތެއް

މިހަފްތާގެ މަޖިލީހަކީ މިއީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލާއި ކައުންސިލްތަކުގެ ދައުރު ދަންމާލުގެ ބިލުގެ މަސައްކަތްތައް ކުރެވެންވީ ހަފްތާއަށް ވީއިރު، މަޖިލީހުން ބަހުސްކުރީ ޤާނޫނުއަސާސީ އިސްލާހުކުރެވިދާނެ ކަމާއި މެދުއެވެ. 

ބަހުސް ނިންމަވާލައްވަމުން ހޯމަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާވެސް އަދި އެހެން ބޭފުޅުންވެސް މިކަމާ ކަންބޮޑުވެލައްވައިގެން އުޅުއްވުމުގެ މާނައެއް ނެތް" ކަމަށެވެ. މަޖިލިސް ރައީސް މިފަދައިން ވިދާޅުވުމުން ދެ ރައީސުންގެ މެދުގައި މިކަމުގައި ނުތަނަވަސްކަމެއް އުޅެނީ ކަމަށް ބައެއްފަރާތްތަކުން ދެކެއެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންވެސް ސާފުކަމާއި އެހެން ނަމަވެސް އެކަމުގައި ދެކޮޅު ހައްދަވަނީ މަޖިލީހުގެ ރައީސްކަމަށް ދެކޭފަރާތްތަކެއް އެބަތިއްބެވެ.

އަދި މީގެ އިތުރުން ބުދަ ދުވަހުގެ ޖަލްސާ އަށް ހަމައެކަނި އެޖެންޑާ ކޮށްފައި އޮތީ ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ ބިލު ކަމަށް ވީއިރު، އިތުރު ބިލަކަށް ބަހުސް ވެސް ނުކޮށް އަދި އިތުރު މަސައްކަތެއްވެސް ކުރުމަކާއި ނުލާ މަޖިލީހުގެ ރައީސް ޖަލްސާ ނިންމަވާލެއްވީ އެވެ. ނިންމަވާލައްވަމުންވެސް ރައީސް ނަޝީދު ގިނަ ވާހަކަތަކެއް ދައްކަވާފައިވެއެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރައްވާނެކަމާއި އެބިލު ކުރިއަށްގެންދަވަން ނުފެންނަކަމުގައި ވާނަމަ މެމްބަރުން އެގޮތަށް އެކަން ނިންމުމުގައި މައްސަލައެއް ނެތްކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މިކަމަށް ބިލެއް ހުށަހަޅާފައި ވަނިކޮށް އެ ބިލު ބަލައިގަންނަން ފެނޭތޯ މެމްބަރުންކުރެ ވޯޓަށްވެސް އަހާނުލާ އާބިލެއް ހުށަހަޅައި އިތުރު ސަކަރާތްތަކެއް ޖަހާ ވަގުތު ބޭކާރު ކުރުމުގެ މާނައަކީ ކޮބައިތޯ އެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް