ads
ފަޅޯ ދަނޑެއް-- ފޮޓޯ: ވީނިއުސް
ނިލަންދޫ އިން ދަނޑުވެރިކަން ކުރުމަށް ވަގުތީ ބިން ދޫކުރަނީ
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކާބޯތަކެތި އެތެރެ ކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ވަގުތީގޮތުން އެއް އަހަރު ދުވަހުގެ މުއްދަތުގައި ދަނޑުވެރިކަން ކުރުމަށް ފ. ނިލަންދޫ އިން ބިން ދޫކުރުމަށް ނިންމައިފިއެވެ.

ނިލަންދޫ ކައުންސިލުން ބުނީ އެގޮތަށް ދޫކުރާ ބިން ތަކުގައި ހެއްދޭނީ ހަމައެކަނި ކުރުމުއްދަތުގައި ހައްދައި ބޭނުންކުރެވޭ ތަކެތި ކަމަށެވެ.

އޭގެ އިތުރުން އެގޮތަށް ދަނޑުވެރިކަން ކުރަން ދޫކުރެވޭނީ އެންމެ ބޮޑުވެގެން 5000 އަކަފޫޓުގެ ބިމެއް ކަމަށް ވެސް ނިލަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 14:00-10:00 އަށް ކައުސިލްއަށް އައިސް ނަންނޯޓު ކުރުމަށް އެރަށު ކައުންސިލުން ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު އިނދަޖެހިފައިވާ މިދަނޑިވަޅުގައި ހަމައެކަނި ފަތުރުވެރިކަމަށް އިގްތިސޯދު ބިނާކުރުމަކީ އެންމެ ބުއްދިވެރި ގޮތް ނޫންކަމުން ސަރުކާރުން އަންނަނީ ދަނޑުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގެ ދަށުން އަތޮޅުގެ ތެރޭގެ ބައެއް ދަނޑުތަކުގައި ވެސް ވަނީ  ގޮވާމާއި ފަލަމަޑީގެ ބާވަތްތައް ހެއްދުމުގެ މަަސައްކަތް ފަށާފަ އެވެ. 

ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ސަރުކާރު ކުންފުނި، އެސްޓީއޯއިން ވަނީ "އެސްޓީއޯ އެގްރި ސެންޓާ" ގެ ނަމުގައި ޕްލެޓްފޯމެއް ވެސް އުފައްދަން ނިންމާފަ އެވެ. އަދި ދަނޑުވެރިން އުފައްދާ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް އެސްޓީއޯއިން ކުރާނެ ކަމަށް އެތަނުގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެ އެވެ. 

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު، ޒަހާ ވަހީދު ވެސް ވަނީ މިދަނޑިވަޅުގައި ރައްޔިތުން ދަނޑުހެއްދުމުގެ މަސައްކަތަށް ނިކުތުމަށް ގޮވާލައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް