ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)-- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް
މިމަހުގެ ތެރޭގައި އެއާޕޯޓުގެ ޓްރެފިކްގައި ދެވަނަ ރިކޯޑެއް!
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއާކްރާފްޓް މޫވްމަންޓް އިތުރުވުމާއި ގުޅިގެން މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ރިކޯޑެއް ހަދައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އެއާކްރާފްޓް މޫވްމަންޓް އިތުރުވުމާއި ގުޅިގެން މި މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ރިކޯޑެއް ހަދައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވީއައިއޭ ގައި އެއާކްރާފްޓް މޫވްމަންޓް ރިކޯޑް މިންވަރަކަށް އިއްޔެ އިތުރުވި ކަމަށެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އިއްޔެ އެއާޕޯޓުގައި ޖުމްލަ 239 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ 101 ފްލައިޓާއި، އެތެރޭގެ 121 ފްލައިޓާއި، އެޑް ހޮކް ނުވަތަ ޝެޑިއުލް ނޫން 17 ފްލައިޓެވެ.

މި މަހުގެ އެއްވަނަ ދުވަހު ވެސް ވީއައިއޭގައި ވަނީ އެއާކްރާފްޓް މޫވްމަންޓް ރިކޯޑް މިންވަރަކަށް އިތުރުވެފަ އެވެ. އެ ފަހަރު ޖުމްލަ 226 ފްލައިޓް މޫވްމަންޓް ރިކޯޑް ކުރި އެވެ. އެއީ ބައިނަލްއަގުވާމީ 102 ފްލައިޓާއި ޑޮމެސްޓިކް 121 ފްލައިޓު އަދި އެޑްހޮކް ނުވަތަ ޝެޑިއުލް ނޫން ތިން ފްލައިޓެވެ.

އެހެންކަމުން އިއްޔެ ރިކޯޑް ކުރެވިފައި ވަނީ މި މަހުގެ އެއްވަނަ ދުވަހާއި އަޅާ ބަލާއިރު، އިތުރު 13 ފްލައިޓް މޫވްމަންޓެވެ. މީގެ ކުރިން އެ ރިކޯޑް ހަދާފައި އޮތީ މިދިޔަ ފެބްރުއަރީގަ އެވެ. އެއީ 219 ފްލައިޓެވެ.

އެއާކްރާފްޓް މޫވްމަންޓްގެ ގޮތުގައި މާނަ ކުރަނީ ވައިގެ އުޅަނދެއް ރަންވޭއަކަށް ޖައްސާފައި ފުރުމެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ވީއައިއޭގެ އޮޕަރޭޝަންތައް އިތުރުވެ އެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި، ރާއްޖޭގެ ބޮޑު ބަންދާއި މި ދުވަސްވަރު ދިމާވާތީ ފްލައިޓު ދަތުރުތައް އިތުރުވެ އެވެ. އެމްއޭސީއެލުން ބުނީ އެއާޕޯޓުގެ ޓްރެފިކަށް ބާރު ބޮޑުވި ނަމަވެސް، އުޅަނދުތަކާއި ޕަސަންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.



ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ވީއައިއޭގެ ޓްރެފިކަށް ލުއި ކުރުމުގެ ގޮތުން އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫއެއް ދަނީ ކުރިއަށެވެ. އޭގެ ދަށުން އާ ރަންވޭއެއް ހަދާފައި ވާއިރު، ޕެސެންޖާ ޓާމިނަލެއްގެ މަސައްކަތް ދަނީ ކުރިއަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް