މިއީ ކ. ކާށިދޫގައި މީގެ 12 އަހަރު ކުރިން މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލް، މުހައްމަދު ސަމާހުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމްގެ އިސްތުއުނާފު މައްސަލައެވެ. ޖުލައި 23، 2012 ގެ ރޭ ކާށިދޫގައި ޑިއުޓީ ކުރަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލުމުގެ ކުށް އެރަށު ސުވާސާގޭ ސަމާހުގެ މައްޗަށް ސާބިތުވެފައިވެ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާ މަރަން އިއްވި ހުކުމް ހައިކޯޓުން ވެސް ދަމަހައްޓާފައިވެ އެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ސަމާހު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން ވާހަކަ ބަދަލުކޮށް، ސަމާހު ބުނެފައި ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށެވެ. އޭނާ މަރަން ހުކުމްކޮށްފައި ވަނީ ހުރިހާ ވާރިސުންވެސް ގިސޯސް ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ފަނޑިޔާރު ހުސްނުއް ސުއުދު ވިދާޅުވީ އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާކަން ސާބިތު ކުރުމަށް ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ދީފައި ނުވުމަކީ އިޖުރާއީ ގޯހެއް ކަމަށެވެ. މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްފައި ވަނީ ސަމާހުއަށް އެ ފުރުސަތު ދިނުމަށެވެ.
ހުކުމުގައި ފަނޑިޔާރު ވިދާޅުވެފައި ވަނީ ދެފަހަރު ދެ ގޮތަކަށް ސަމާހު އިއުތިރާފުވެފައިވާއިރު، ދެ ބަޔާނުން ދައުލަތުން ބޭނުންވާ ތަންކޮޅު އެކަނި ނަގައިގެން ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
މި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނެނީ ހުސްނުއްސުއޫދު، އައިޝާ ޝުޖޫން، ޑރ. އަޒްމިރާލްދާ ޒާހިރު، ޑރ. މުހައްމަދު އިބްރާހީމް އަދި މަހާޒް އަލީ ޒާހިރު އެވެ.