ޖުލައި މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގެ ތެރެއިން އެއް އެކްސިޑެންޓަކީ ހުޅުމާލެ ވިނަރަސް ފްލެޓް ސަރަހައްދު ގައި ހިނގި އެކްސިޑެންޓް އެވެ.
އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައެއި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެގެނެވެ. އެ އެކްސިޑޭންޓް ހިނގުމާއެކު އެ ކާރުގައި ތިބި ތިން މީހުން ކާރުވެސް ދޫކޮށްލާފައި ފިލީއެވެ. ދައުވާކޮށްފައިވަނީ އެ ތިން މީހުންގެ މައްޗަށެވެ. އެ މައްސަލައި އެ ތިން މީހުން ފަހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ތިބީ ބަންދުކޮށްފައެވެ.
ހުޅުމާލޭ އެކްސިޑެންޓާ ގުޅިގެން ދައުލަތުން ދައުވާ ކުރި މީހުން
މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމް
ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާން
ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލް
އިކްރާމާއި އިކްރާމުއްރަހުމާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އަދި ޖިނާހުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައިވެ އެވެ.
އިކްރާމްގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއާއި، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގެ ދައުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދެ ދައުވާއާއި އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާ އަދި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ.
އިކްރާމުއްރަހުމާންގެ މައްޗަށް އުފުލާފައިވަނީ އެކްސިޑެންޓް ވުމުން އެކަމުގެ ރިޕޯޓް ނުކުރުމުގެ ދައުވާއާއި އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާއާއި އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއާޢި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ދައުވާއާޢި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާ އެވެ.
ޖިނާހުގެ މައްޗަށް އުފުލި ދައުވާތަކީ އަނިޔާއެއް ދިނުމުގައި ބައިވެރިވުމުގެ ދައުވާއާއި މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން މީހަކަށް، އޭނާގެ ހަށިގަނޑަށް ބޮޑުަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވުމުގައި ބައިވެރިވުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.
މި މައްސަލައިގައި ތިން މީހުންގެ މައްޗަށް ހުށަހަޅާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުގައި ހިންގުމަށް ކުރިންވެސް އެއް ދުވަހު ތާވަލުކުރި އެވެ.