ads
ފޮޓޯ: ރޮއިޓާޒް
ބިދޭސި މީޑިއާތަކަށް ދަތިކޮށް ޗައިނާއިން ބޭނުންވަނީ އެމީހުންނަށް މޮޅުވާ ގޮތަށް ހަބަރުތައް ގެނަސްދިނުމަށް
ޗައިނާއިން ސިޔާސީ ހިޔާލުތައް ފިއްތުމާއި ބައިމަދު މީހުންނާއި ދީނީ ބައިމަދު މީހުންނަށް ކުރާ ދުއްތުރާއާ ބެހޭ ގޮތުން ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްތައް ކުރަމުންދާތީ ނުތަނަވަސްވެގެން ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ވަނީ ބިދޭސި މީޑިއާއަށް ފިއްތުންތައް އިތުރުކުރަން ފަށާފައެވެ. ޗައިނާގައި ތިބޭ ބިދޭސި މީޑިއާގެ ނޫސްވެރިންގެ ޖަމުއިއްޔާއިން ވަނީ ކޮމިއުނިސްޓް ޗައިނާއިން ބިދޭސި މީޑިއާއަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ޑޮކިއުމެންޓް ކޮށް ރިޕޯޓެއް އެކުލަވާލާފައެވެ.

ޗައިނާއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންޓްރޯލްކުރާ ގައުމެކެވެ. އަދި ބިދޭސި ނޫސްވެރިންނަށް މަސައްކަތް ކުރަން އުނދަގޫ ތަނެކެވެ. ރިޕޯޓާޒް ވިތައުޓް ބޯޑާޒްގެ މިދިޔަ އަހަރުގެ ރިޕޯޓްގައި 180 ގައުމުގެ ތެރޭން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ޗައިނާ ދަރަޖަ ކޮށްފައިވަނީ 177 ވަނައިގައެވެ. 

ޗައިނާގައި މަސައްކަތް ކުރާ ބިދޭސި ނޫސްވެރިންގެ ޖަމުއިއްޔާއިން ބުނާ ގޮތުގައި ބެއިޖިންއިން ނޫސްވެރިންނަށް ވިސާ ދިނުމުގައި ދިގު ދަންމައެވެ. އަދި އެމީހުންގެ ވިސާގައި ކުރުން މަނާ ގިނަ ކަންކަން ހިމަނައެވެ. ޗައިނާގައި ނޫސްވެރިންނަށް ވިސާދެނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޗައިނާގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ނަޒަރަކުން ބަލައި ރިޕޯޓްކޮށްފިނަމަ އެ ނޫސްވެރިއެއްގެ ވިސާ ކެންސަލް ކޮށްލައެވެ. ބިދޭސި ނޫސްވެރިންގެ ޖަމުއިއްޔާއިން ސިފަ ކޮށްފައިވާ ގޮތޮގައި ވިސާއަކީ ޗައިނާއިން ބޭނުންކުރާ ހަތިޔާރެކެވެ. އަދި 2019ގައި ގިނަ އަދަދެއްގެ ނޫސްވެރިންނަށް ދީފައިވަނީ ހަ މަސްދުވަހުގެ ވިސާއެވެ. މީގެ މަގްސަދަކީ ވިސާ އައު ކުރުމަށް ބާރު އެޅުމެވެ. އަދި މިކަމަކީ ނޫސްވެރިންނެކޭ އެއްފަދައިން އެމީހުންގެ އާއިލާތަކުންވެސް ކުރަން ޖެހޭ ކަމެކެވެ. 

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން އެޅި ފިޔަވަޅުތަކަށް ފާޑުކިޔައި ލިޔުނު އެމެރިކާގެ ވޯލްސްޓްރީޓް ޖާނަލްގެ ތިން ނޫސްވެރިއަކުވެސް ޗައިނާއިން ވަނީ ބޭރުކޮށްލާފައެވެ. ވޯލްސްޓްރީޓް ޖާނަލްގެ އިތުރުން ނިއުޔޯކް ޓައިމްސް އަދި ވޮޝިންޓަން ޕޯސްޓާއި ދެކޮޅަށްވެސް ފިޔަވަޅު އެޅުމަށް ވަނީ ނިންމާފައެވެ.

ބިދޭސި ނޫސްވެރިންގެ ޖަމުއިއްޔާއިން ބުނާ ގޮތުގައި 2013 އިން ފެށިގެން ނޫސްވެރިން ބޭރުކޮށްލުމާއި ވިސާ ނުދިނުމުގެ 14 އަށްވުރެން ގިނަ މައްސަލަތައް ފާހަގަ ކުރެވިފައި ވެއެވެ. 

ޗައިނާއިން ވަނީ ބިދޭސި ނޫސްވެރިންނަށް ނުކުރެވޭނެ ކަންކަންވެސް ކަނޑައަޅާފައެވެ. އެއިން އެއްކަމަކީ، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާއި އޭނާގެ އާއިލާއާ ބެހިގެން އެއްވެސް ވާހަކައެއް ލިޔުމެވެ. އެގޮތުން ރައީސް ޝީގެ އާއިލާގެ މެންބަރުންގެ ބަޔަކު އޮސްޓްރޭލިއާގައި މަނީ ލޯންޑެރިންގެ ގެ އަމަލުތަކެއް ހިންގާކަމުގެ ރިޕޯޓްތައް ލިޔުމުން ޗައިނާއިން ވަނީ އެނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. 

ހަމައެފަދައިން މުސްލިމުންނާއި އުރިގޫރްއާއި ޝިންޖިއާންއާ މެދު ޗައިނާއިން ގެންގުޅޭ ސިޔާސަތާމެދު ލިޔުމުގެ ހުއްދައެއްވެސް ނޯންނާނެއެވެ. 

ޗައިނާ ސަރުކާރަށް ފާޑު ކިޔުމާ ގުޅިގެން ޗައިނާގައި ބީބީސީވެސް ވަނީ ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން ބީބީސީން ވަނީ ޗައިނާގައި ވަގަށް ބީބީސީ ލިބޭގޮތް ހަދައި ދީފައެވެ. ޗައިނާއިން ކިތަންމެ ވަރަކަށްވިއަސް މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުވުމުގައި ހުރަސްތައް ކުރިމަތި ކުރިނަމަވެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން މީހުން ދަނީ އަމިއްލައަށް ހަބަރު ތައްޔާރުކޮށް އެ ހަބަރުތައް މީޑިއާއަށް ފޯރުވައި ދެމުންނެވެ. 

ކޮރޯނާ ވައިރަސް ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ މިގޮތަށް ރައްޔިތުން ކުރި މަސައްކަތަކުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް