ads
ބަންގާޅު ކޯޗު ޖެމީ ޑޭ--
ބަންގާޅުގެ ގައުމީ ކޯޗުގެ ކޮންޓްރެކްޓް އިތުރުކުރަނީ
ބަންގްލަދޭޝްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޖެމީ ޑޭގެ ކޮންޓްރެކްޓް އިތުރުކުރަން ބަންގާޅު ފުޓްބޯޅަ ފެޑެރޭޝަނުން ނިންމިއިފިއެވެ. މިހާރު ޑޭ އާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ އަންނަ މެއި މަހުގެ ފަނަރަ ވަނަ ދުވަހަށެވެ. ބަންގާޅު ފެޑެރޭޝަނުން ނިންމާފައިވަނީ އިތުރު ދެ އަހަރުގެ މުއްދަތަށް ޑޭ ގެ ކޮންޓްރެކްޓް އިތުރުކުރާށެވެ.

އުމުރުން ސާޅީސް އަހަރުގެ އިނގިރޭސި ކޯޗު ޖެމީ ޑޭ ގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ބަންގާޅު ފެޑެރޭޝަނުން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން ބަންގާޅުން ކުޅެމުން އަންނަ ކުޅުމާއި މެދު ފެޑެރޭޝަނުން ހިތްހަމަ ޖެހޭތީ އެވެ. އެންމެ ފުރަތަމަ ދެހާސް އަށާރަ ވަނަ އަހަރު ޑޭ ބަންގާޅު ގައުމީ ޓީމާއި ހަވާލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން އޭނާއާ މެދު ހިތްހަމަ ޖެހޭތީ ފުރަތަމަ އެއް އަހަރަށް ކޮންޓްރެކްޓް އިތުރުކުރިއެވެ. އިތުރު ކުރި ކޮންޓްރެކްޓް އަންނަ މަހު ހަމަވާން މަސް ދުވަހަށް ވެފައިވަނިކޮށް އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއް އަނެއްކާ ވެސް ބަންގާޅު ފެޑެރޭޝަނުން ހުށަހެޅީއެވެ. 

ޖެމީ ޑޭގެ އިރުޝާދުގެ ދަށުން ބަންގާޅުން ވަނީ ނަވާރަ މެޗު މިހާތަނަށް ކުޅެފައެވެ. އޭގެ ތެރެއިން އަށް މެޗުން މޮޅުވެފައިވާއިރު، ދެ މެޗުން އެއްވަރު ވެފައިވެއެވެ. ޖެމީ ޑޭގެ އިރުޝާދުގެ ދަށުން ބަންގާޅުން ކުޅުނު މެޗުތަކުގެ ތެރޭގައި އޭޝިއަން ކަޕާއި ވޯލްޑްކަޕް ކޮލިފައިން މެޗުތަކުގެ އިތުރުން ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ވެސް ހިމެނެއެވެ. 

ޖެމީ ޑޭގެ ކޮންޓްރެކްޓް އިތުރުކުރަން ބަންގާޅު ފެޑެރޭޝަނުން ނިންމިއިރު، ޖެމީ ޑޭ އަށް އޮންނާނެ އެންމެ މުހިއްމު އެއް މުބާރާތަކީ ބަންގާޅުގައި މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައިވާ ސާފް ޗެމްޕިއަންޝިޕެވެ. ކޮރޯނާ ވައިރަހާ ގުޅިގެން މުބާރާތް ބާއްވާނޭ ތާރީޚަށް ބަދަލު އައުން ގާތްކަމަށް ރިޕޯޓްތައް ބުނާއިރު، މިހާރު ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހު ސާފު ޗެމްޕިއަންޝިޕް ކުޅޭށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް