ads
ނޭޕާލް އިންޓަނޭޝަނަލް އެއާޕޯޓް--
ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނެވޭ ގޮތް ހަމަޖެހިއްޖެ
ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނެވޭ ގޮތް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލާއި ބަންގްލަދޭޝްގައި ތާށިވެފައި ތިބި ދިވެހިން ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށެވެ. 

"އެގޮތުން އިވެކުއޭޝަން ފްލައިޓުތަކުގައި ރާއްޖެ އެނބުރި އައުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

މިއީ ރާއްޖޭގެ ސަރުކާރާއި ނޭޕާލު ސަރުކާރުގެ ގާތް ގުޅުމުގެ ހެއްކެއް ކަމަށާއި، ދިވެހި ސިފައިންނާއި ބަންގްލަދޭޝް ސިފައިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް ޝާހިދު ވިދާޅުވެފައި ވެއެވެ. 

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ނޭޕާލުގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރޭގައި ގިނައީ ކޮވިޑް-19 އޮޕަރޭޝަނުގައި އެހީވުމަށް ރާއްޖެ އައި މެޑިކަލް ދަރިވަރުންނެވެ. 

ނޭޕާލުން އެނބުރި އަންނަން ބޭނުންވި އިތުރު ދިވެހިންނަށް ނާދެވެނީސް ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ. އޭގެ އިތުރުން ބަންގްލަދޭޝްގައި ވެސް ރާއްޖޭގެ ގިނަ މެޑިކަލް ދަރިވަރުން ތިބިއިރު، އޭގެ ގިނަ ބަޔަކު ވެސް ތިބީ ރާއްޖެ އަންނަން ބޭނުންވެފަ އެވެ. 

ފޮރިން މިނިސްޓްރީން ބުނީ އަންނަ ހޯމަ ދުވަހު އެމީހުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ނޭޕާލުން 18 ދިވެހިންނާއި ބަންގްލަދޭޝުން 51 ދިވެހިން ކަމަށެވެ.

ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި އެމީހުން ރާއްޖެ ގެނައުމަށް ނިންމިއިރު، ނޭޕާލުގައި ތިބި ދިވެހިން މާދަމާގެ ވަގުތެއްގައި މި ބޯޓުގައި ބަންގްލަދޭޝްގެ ޑާކާއަށް ދަތުރު ކުރާނެ އެވެ. 

"އަދި މި ފްލައިޓުން ރާއްޖެ އަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ކަމުން، އެ މީހުން ވެރިރަށް ޑާކާ އަށް ގެންދިޔުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާ އިން ދަނީ ކުރަމުންނެވެ،" ފޮރިން މިނިސްޓްރީގެ ކުރު ބަޔާނެއްގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް