މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ހޯމް، އަންގާރަ އަދި ބުދަ ދުވަހު އެވެ. އެހެން ނަމަވެސް ފިނޭންސް މިނިސްޓަރު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވީ އެންމެ އަވަހަކަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާތައް ހޮނިހިރު އަދި އާދީއްތަ ދުވަހުު ބޭއްވުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.
ހޮނިހިރު ދުވަހަކީ ރޯދަ މަހުގެ ދެވަނަ ދުވަހަށް ވީއިރު ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖަލްސާ ފަށާނީ 11:30 ހާއިރު ކަމަށެވެ. ރައީސް ނަޝީދުު ވަނީ އަންނަ ހަފްތާގެ ބްރާސްފަތި ދުވަހަށް ވާއިރު މި މައްސަލަ ނިންމައިދިނުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮވިޑް 19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ އަދި މާލީ ލޮޅުންތަކާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނަށް ލުއިތަކެއް ހޯދައިދިނުމަށް އެދި މިނިސްޓަރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދައުލަތުގެ އާމްދަނީ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކުރު މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ވަނީ ހޯދަން ޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވަނީ 4.2 ބިލިއަން ރުފިޔާ ހޯއްދެވުމަށެވެ.