ads
އިސްލާމިކް މިނިސްޓްރީގައި ބޭއްވި މިއަހަރުގެ ފުރަތަމަ ތަރާވީހުގެ ތެރެއިން--
1441 ވަނަ އަހަރުގެ ރޯދަމަސް: މިއީ ވަރުގަދަ އިމްތިހާނެއް!
ބަރަކާތްތެރި ރޯދަ މަސް މިއަދު ބައްދަލުކުރިއިރު ދިވެހިނާ ދިމާލަށް މިސްރާބު ޖަހާފައި މިވަނީ ކޮޮވިޑް-19 ގެ ބިޔަ ތޫފާނެކެވެ. ދުނިޔެ މައްޗަށް ބަނަކޮށްލި މި ކަޅު ވިލާގަނޑު ދިވެހިންނާއި އަރާހަމަކުރިއިރު ކޮންމެ އަހަރަކު މުސްލިމުން އެމަހަކަށް އެންމެ އިންތިޒާރުކުރާ ރޯދަ މަސް ވެސް ބައްދަލުކުރީ މިކަމުން އަރައިގަންނަން މަސައްކަތް ކޮށްކޮށް ތިއްބަ އެވެ. މި ސަބަބާހުރެ އެހެން އަހަރުތަކާއި ހިލާފަށް 1441 ވަނަ އަހަރުގެ ރޯދަމަސް އެބަ ތަފާތުވެ އެވެ.

ރޯދަ މަހަކީ އަޅުކަމުގެ މޫސުމެއްގެ ގޮތުގައި ފާހަގަކުރެވޭއިރު ކުރިން ކޮންމެ ރޯދަމަަކާއި ދިމާކޮށް މިސްކިތްތައް ފިތި ބާރުވެ އެވެ. އެތައް ބަޔަކު މަގުމަތީ ސަފު ހަދައިގެން ޖަމާއަތުގައި ނަމާދުކުރާ މަންޒަރު ފެނިގެންދެ އެވެ. ފަރުޟު ފަސް ނަމާދާއި ތަރާވީހު ނަމާދަށް ދިއުމުގެ އިތުރުން ވެސް އެތައް ވަގުތެއް މިސްކިތުގައި ހޭދަކުރެ އެވެ. އެކަމަކު މި ރޯދަ މަހުގައި މި މަންޒަރު ނުފެންނާނެ ކަމަކީ ކޮންމެ މުސްލިމެއްގެ ލޮލުން ވެސް ކަރުނަ އަންނާނެ ކަމެއްކަން ޔަގީނެވެ. 

މާލެ ސަރަހައްދުގައި މިިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ މަޣުރިބް ނަމާދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ޖަމާއަތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފަ އެވެ. އަދި ރޯދަ މަސް ފެށެން ފަސް ދުވަހަށް ވެފައި ވަނިކޮށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިވަނީ މުޅި ރާއްޖޭގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފަ އެވެ. މިއާއެކު މިސްކިތްތަކުގައި ތާރާވީސް ނަމާދެއް ވެސް މި ރޯދަ މަހަކު ނުކުރާނެ އެވެ. 

ކުރިން މިސްކިތްތަކަށް ޖަމާއަތަށް ނޭރުން ނަމަވެސް ވަކި ވަކިން ގޮސް މިސްކިތުގައި ނަމާދުކުރެވޭނެ ފުރުސަތު އޮތްނަމަވެސް މާލެ ސަރަހައްދަށް ގެނެސްފައި މިވާ ލޮކްޑައުނާއެކު އެކަން ވެސް ކުރެވޭކަށް ނެތެވެ. އަދި ކޮވިޑް-19 މިވަގުތު އަތޮޅު ތެރެއަށް މިސްރާބު ޖަހާފައިވުމުން ބައެއް ރަށްތައް އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. މި ސަބަބާހުރެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ރަށްތަކުގައި ވެސް ނަމާދުނުކުރާ ގޮތަށް އޮތީ ނިންމާފަ އެވެ. 

މިފަދަ ގޮތަކަށް ރޯދަ މަސް ބައްދަލުކޮށްފާނެއޭ އެއްވެސް މުސްލިމެއްގެ ހިތަށް ވެސް ނާންނާނެކަން ޔަގީނެވެ. އެކަމަކު މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މިސްކިތްތައް ފަޅަށް ހުންނަ މަންޒަރު ބަލަން މިވަނީ މަޖުބޫރުވެފަ އެވެ. މިއީ މުސްލިމުންގެ ހައިސިއްޔަތުން ބަލަން ވަރަށް ވެސް ހިތްދަތި މަންޒަރެއް ނަމަވެސް މިކަމަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއްކަން ވެސް ޔަގީނެވެ.

މިއަހަރުގެ ރޯދަ މަސް މި ގޮތަށް ބައްދަލުކުރުމަކީ އެއްގޮތަކަށް ވެސް ދީނީ އަޅުކަންތަކާއި ދުރަށްދާން ޖެހޭ ސަބަބެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ އެވެ. ރޭ ގައުމާއި މުހާތަބު ކުރައްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ދިވެހި ރައްޔިތުންގެ ކިބައިން ވަނީ ގިނަ އިލްތިމާސްތަކެއް ކުރައްވާފަ އެވެ. އެއީ މި ހިތާމައިގެ ދަނޑިވަޅުގައިވެސް، ރަމަޟާން މަސް ބައްދަލުކުރި ކަމީ، މިކަމުން އަރައިގަތުމަށް މާތް اﷲ މެދުވެރިކޮށްދެއްވި މަތިވެރި ނަސީބެއް ކަމަށާއި އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ހަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށްކަން ވިދާޅުވި އެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ވަނީ މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުއާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ. 

މި މަތިވެރި މަސްއަރު މުޅި މުސްލިމު އުއްމަތާއި މިފަދަ ގޮތަކަށް ބައްދަލުކުރި ނަމަވެސް މިއީ މުސްލިމުންނަށް ކުރިމަތިވި ވަރުގަދަ އިމްތިހާނެއްގެ ގޮތުގައި ބަލައިގަނެ، އިމްތިހާނުން ފާސްވުމަށް ގަދައަޅާ މަސައްކަތްކުރަންޖެހެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް