ads
ހަސަން ލަތީފް---
އިގްތިސާދު ވެންޓިލޭޓަރުގައި އޮތްއިރު މަޖިލީހަށް ނޭންގީތީ ހިތާމަކުރަން: ހަސަން ލަތީފު
ރާއްޖޭގެ އިގްތިސާދު "ވެންޓިލޭޓަރުގައި" އޮތްއިރު މަޖިލީހަށް މިކަން ކުރިން އަންގާފައި ނުވާތީ ހިތާމަކުރާކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ އިއްޔެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަތައް އަޑު އިވިފަައި ވަރަށް ހިތާމަކުރެވުނު ކަމަށެވެ.

މެންބަރު ވިދާޅުވީ އިއްޔެ ކުރެވުނީ ގާތް ރަހުމަތްތެރިއެއްގެ މަންމަ ނިޔާވުމުން ޖަނާޒާއަށް ދިޔުމުން މަންމަ ވެންޓިލޭޓަރުގައި އޮންނަތާ ހަފްތާއެއްވެއްޖެ ކަމަށް ސަހަރާގައި ހުރެ ބުނުމުން ކުރެވޭނެ އިހުސާސްކަމަށެވެ. 

އެވަރުގެ ކަމެއްވީއިރު އެހާ ގާތް ރަހުމަތްތެރިއަކަށް އަޅުގަނޑު ވެހުރެ، އެކަން އަޅުގަނޑުގާތު ނުބުނެ އޮތީމަ ކުރެވޭނެ އިހުސާސް. ރާއްޖޭގެ އިގްތިސާދު ވެންޓިލޭޓަރުގައި އޮތްއިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އަންގަވާލާފައި ނެތީމާ ކުރެވުނު އިހުސާސް. މިދަންނަވަނީ މިގައުމުގެ އިގުތިސާދުގެ ވާހަކަ. އަޅުގަނޑުމެންވެސް ދިރިމިތިބީ މިދުނިޔޭގައި. އަންގާލަން ވާނެ ނޫންތޯ އަޅުގަނޑު ހިތަށް އަރަނީ.

ނަމަވެސް އެވާހަކަ ދިގުކޮށް ދެއްކުމުގެ މާނައެއް ނެތްކަމަށާއި ދެންވެސް ބަލަންވީ އިގްތިސާދު ވެންޓިލޭޓަރުން ނަގާ އަވަހަށް ސަލާމަތްކުރެވޭތޯ ކަމަށް މެންބަރު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ މަޖިލީހުގެ އޮންލައިން ޖަލްސާގައި ބަހުސް ކުރެވެމުންދަނީ ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ ލޮޅުންތަކާއެކު ދައުލަތުގެ ހަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ ހޯދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުން ލުއިތަކެއް ހޯދައިދިނުމަށް އެދި ފިނޭންސް މިނިސްޓަރު މަޖިލީހަށް ފޮނުއްވި މައްސަލައާއި މެދުގައެވެ.

މިނިސްޓަރު މަޖިލީހުގައި އެދިފައިވަނީ އެއް އަހަރުތެރޭ ދައްކާގޮތަށް 4.2 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުން ދަރަންޏަށް ނެގުމުގެ ހުއްދައެއް ދިނުމަށެވެ. މިއީ ވޭތުވެ ދިޔަ ތިން އަހަރު ދައުލަތުގެ އެވްރެޖު އާމްދަނީގެ 20 އިންސައްތަ އަދަދެކެވެ. 

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާ ބުނާގޮތުން މިގޮތަށް ނެގޭނީ އެއް އިންސައްތައަށްވުރެ އިތުރުނުވާ އަދަދެކެވެ. އަދި މިފައިސާ 90 ދުވަހުގެ ތެރޭ ދައްކަން ޖެހޭނެއެވެ.

ގުދުރަތީ ކާރިސާއެއް މެދުވެރިވެގެން ނުވަތަ އިގްތިސާދަށް ހީނަރުކަމެއް އަތުވެއްޖެނަމަ މަޖިލީހުގެ ހުއްދައާއި އެކު ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުސޫލުތަކުން އިސްތިސްނާވާނެކަމަށް އެގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މިއަދު މެމްބަރު ހަސަން ލަތީފު ވާހަކަ ދައްކަވަމުން ވިދާޅުވީ މިދެހާލަތުވެސް މިހާރު މެދުވެރިވެފައިކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.

މެންބަރު ހަސަން ލަތީފު ވިދާޅުވީ މި ހުއްދަ ދިނުމަށް އެއްބަސްވެ ރުހި، ގަބޫލުވާ ކަމަށާއި ނަމަވެސް ކުރާ ހަރަދުތަކުގެ ތަފްސީލު މަޖިލީހަށް އެނގި ބެލެންވާނެކަމަށެވެ. އަދި ހޯދައިދޭ އިސްތިސްނާގެ ސަބަބުން ސަރުކާރުން ދައުލަތުގެ ހަރަދަށް ޒިންމާވުމުން އިސްތިސްނާވަނީއެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެއްކަމަކީ ފައިސާ ހަރަދުކުރާނެ ގޮތުގެ މައުލޫމާތު މި މަޖިލީހަށް މިވަގުތު ލިބެންވާނެ. ދެވަނަ ކަމަކީ ހަރަދުކުރަމުންދާއިރު - އެއީ މިވަގުތަކު ނޫން، ފައިސާ ލިބި ހަރަދުކުރެވެމުންދާއިރު - އެފައިސާ ހަރަދުކުރެވެމުންދާ ގޮތުގެ މައުލޫމާތު މިމަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ލިބެންވާނެ. އެހެން ގޮތަކަށް ދަންނަވަންޏާ ރަނގަޅު މޮނިޓަރިން މެކޭނިޒަމް އެއް މަޖިލީހުން ގާއިމްކުރެވެންވާނެ.

ކުރަންޖެހޭ ބައެއް ހަރަދުތައް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ކިޔައިދިންކަމަށާއި ނަމަވެސް ބާކީ ހަރަދުތަކުގެ ތަފްސީލު ހިއްސާކުރުމަށް ހަސަން ލަތީފު އެދިލެއްވިއެވެ.

މިނިސްޓަރުގެ ޕްރެޒެންޓޭޝަންގައި ތަފްސީލު ދެއްވި ހަރަދުތަކުގެ ޖުމުލަ އަދަދަކީ 1.49 ބިލިޔަން ރުފިޔާ. މިނިސްޓަރު މި މަޖިލީހުގައި އެދިލެއްވި 4.2 ބިލިއަން ރުފިޔާއިން މިދެންނެވި 1.49 ބިލިއަން ރުފިޔާ އުނިކުރީމާ ބާކީއޮތް، 2.71 ބިލިއަން ރުފިޔާ ހަރަދުކުރާނެ ގޮތުގެ ތަފްސީލު އެނގެން ބޭނުން

މީގެ އިތުރުން ސީދާ ވައިރަހުން ސަލާމަތްވުމަށް ކުރާ ހަރަދުތަކުން ސަރުކާރުން އިތުރަށް އެކި ފަރާތްތަކަށް ދޭނެ އިނާޔަތްތަކާއި އިގްތިސާދީ ރިލީފް ޕެކޭޖަށް ހިނގާނެ ހަރަދުތަކުގެ ތަފްސީލުތައް އެނގެންޖެހޭކަމަށް މެންބަރު ވިދާޅުވިއެވެ.

"މިމޭރުމުން މިވާހަކަ ދަންނަވާ ސަބަބަކީ އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ބަޔަކު ކޮށްފާނެ ނުރަނގަޅު ކަމެއްގެ އިލްޒާމުގެ ޒައްރެއްގެ މިންވަރުވެސް އެޅޭކަށް ބޭނުމެއް ނޫން." ލަތީފް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް