
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ އެއްބައި ޑޮލަރުން ދޭގޮތަށް އޮތްގޮތުން އުވާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ، އެ ވާހަކަތައް ފަތުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ކުރަމުންދާ ބުރަ މަސައްކަތަށް ހުރަސްއަޅައި މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލުވާލުމަށްޓަކައި ކަމަށެވެ.
އެ ބަޔާނުގައި ބުނިގޮތުގައި އެއްވެސް އިރެއްގައި އެފަދަ ކަމެއްގެ މަޝްވަރާއެއް ކޮށްފައެއް ނުވެ އެވެ.
އެމްއޭސީއެލް އިން ވަނީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް ބައްޓަން ކުރުން ކަމަށް އިލްތިމާސްކޮށްފަ އެވެ. އަދި ކުންފުނިން ގަބޫލުކުރާ ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާ އެކުގައި ކަަމަށް ވެސް ބުންޏެވެ.