ފުލުހުން ބުނީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް ހަތް މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނުނީ 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެންކެވެ. އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުނެއެވެ.
އެ މީހުން ތިބި ގެސްޓްހައުސްއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނުނު ކަމަށް ފުލުހުން ބުނެއެވެ. މި އެންމެން މަސްތުވާތަކެއްޗަށް ނެގެޓިވްވެފައި ވުމުން އެމީހުން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފާއިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެން ފުލުހަކު ހިމެނޭ ކަމަށާއި ކޮންސްޓެބުލް މަގާމުގައި ހުރި އެ އަންހެން މީހާ އެ މައްސަލައާ ގުޅިގެން ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެ އަންހެން ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.