މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މި ދެ އަހަރު މިހާތަނަށް ކޮށްފައިވާކަންކަން ރައްޔިތުންނަށް ކިޔާދޭން ހާއްސަ ޖަލްސާއެއް ބާއްވާނެކަމަށެވެ. މިމަހުގެ 17 ވާ ހޯމަދުވަހުގެ ރޭ ބާއްވާ މި ޖަލްސާގައި، ސަރުކާރުން މިހާތަނަށް ކުރިކަން ރައްޔިތުންނަށް ކިޔާދެއްވާނީ ހުދު އެމަނިކުފާނުކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސަރުކާރަށް އެއްއަހަރު ފުރުމުންވެސް މި ފަދަ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. "ރައްޔިތުންނާއެކު ކުރިއަށް" މި ނަމުގައި ސަރުކާރުގެ ވަޒީރޫންނާއި ސިޔާސީ މީހުންނާއި އެކު ބޭއްވި 2 ގަޑިއިރަށްވުރެ ގިނަ އިރަށް ކުރިޔަށް ދިޔަ އެ ޖަލްސާގައި ސަރުކާރުން އަހަރެއްގެ ތެރޭ ކުރި ހުރިހާކަމެއް ކިޔާދެއްވީ ރައީސް މުއިއްޒުއެވެ.