ފުލުހުން ބުނީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނުންކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން 2 ކާރާއި 5 ސައިކަލް ބަލައިފާސްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.