އޮރީ މި ވީޑިއޯ ހިއްސާކޮށްފައިވަނީ، އޭނާއާ ދެކޮޅަށް ހިނގަމުންދާ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ތަހުގީގީ އިދާރާތަކުން ސުވާލުކޮށްފައި ވަނިކޮށެވެ. އާންމުވި ވީޑިއޯއިން ފެންނަނީ އޮރީ ޕާޓީއެއްގެ ތެރޭގައި މަޖާކުރަމުންދާ މަންޒަރެވެ. އަދި އެ ވީޑިއޯގައި އޭނާގެ އަތުން ބޭއަދަބީ އިޝާރާތެއް ކުރާތަންވެސް ފެނެއެވެ. މި އަމަލުތައް އޭނާ ދައްކާފައިވަނީ، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ސީރިއަސްކަމަށް ބެލުމެއް ނެތިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އޮރީގެ މި އަމަލާއެކު، އާންމުންނާއި މީޑިއާތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އެބަދެއެވެ. މިފަދަ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވިފައި ވަނިކޮށް، އެކަމާ އެއްވެސް ފަރުވާލެއް ނެތްކަން ދައްކުވައިދޭ ގޮތަށް އަމަލުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. މި ހާދިސާއާ ގުޅިގެން އޮރީއަށް އަމާޒުވެފައިވާ ސަމާލުކަން އިތުރުވެ، މައްސަލަ އިތުރަށް ވަނީ ހޫނުވެފައެވެ.
މައްސަލައިގައި އިތުރު ތަރިންތަކެއްވެސް:
މުމްބާއީ ޕޮލިސްގެ އެންޓި ނާކޮޓިކްސް ސެލް (އޭއެންސީ) އިން ބަލަމުން އަންނަ މި މައްސަލައިގައި، ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ނޯރާ ފަތޭހީ އާއި ޝްރަދާ ކަޕޫރު ފަދަ ތަރިންނަށް ވެސް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
މިއީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވާ ޕާޓީތަކަށް ބައިނަލްއަގްވާމީ ނެޓްވޯކަކުން މަސްތުވާތަކެތި ސަޕްލައިކުރުމާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލައެކެވެ.
މި މައްސަލައިގެ ފެށުމަކީ މިދިޔަ އަހަރުގެ މާޗު މަހު މަހާރާޝްތުރާގެ ސާންގްލީގައި ހިންގި އޮޕަރޭޝަނެއްގައި 126 ކިލޯގެ މެފެޑްރޯން އަތުލައިގަތުމެވެ.