މި ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ.
ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކުރުމަށް ހިންގި މި އޮޕަރޭޝަންގައި އެ ދެ ބިދޭސީން އުޅޭ ތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ އާއި ހުސްފުޅި ފެނިފައިވާ ކަމަށާއި މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް މި ހަފްތާގައި އެދިފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.