ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ހެޑް އޮފް ސޭފްޓީ އެވެއާނެސް ޕްރިވެންޝަން، ސްޕްރިންޓެންޑް އޮފް ޕޮލިސް އަހްމަދު ފަސީހް ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކަށް ހައްލު ހޯދަން ހާލަތަށް ބަލާ އަންނަނީ ބަދަލުތައް ގެންނަމުންކަމަށެވެ. އެހެންނަމަވެސް އެކްސިޑެންޓްތައް އަދިވެސް ހިނގަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.
ފަސީހް ވިދާޅުވީ ޓްރެފިކް ހައްލުކުރަން މާލޭގެ މަގުތަކުގައި ޓްރެފިކް ލައިޓްތައް ހަރުކޮށްފިނަމަ މިހާރު އެކަމުން މާ ބޮޑެތި އުނދާގޫތަކާއި ކުރިމަތިވާނެކަމަށެވެ. އެގޮތުން މަގުތައް ތޮއްޖެހި ބާރު ބޮޑުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މާލޭގައި ޓްރެފިކް ލައިޓް ޖެހުމަކީ ހައްލެއް ނޫންކަމަށްވެސް ފަސީހް ވިދާޅުވިއެވެ.
ހުޅުމާލޭގައި ޓްރެފިކް ބާރު ބޮޑުވާ މަގުތަކުގައި ލައިޓް ހަރުކުރުމުގެ ބަދަލުގައި ބުރު ހެދުމުން އެ ސަރަހައްދުތަކުގައި އެކްސިޑެންޓް ހިނގާވަރު މަދު ކަމަށްވެސް ފަސީހް ވިދާޅުވިއެވެ.
ޓްރެފިކް ހާލަތަށް ބަލާ ބުރިޖް ހިމެނޭ ސަރަހައްދުތަކުގައި ޓްރެފިކް ލައިޓް ހަރުކޮށް މޮނީޓާކުރަމުންދާކަމަށާއި އެހެންނަމަވެސް އެކްސިޑެންޓްތައް މަދުނޫންކަން ފަސީހް ފާހަގަކުރެއްވިއެވެ. ސަބަބެއްކަމަށް ވިދާޅުވީ މަގުމަތި ބޭނުންކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ފަރުދީ ޒިންމާ ހަނދާން ނައްތާލުންކަމަށެވެ.