ads
މާފުށި--
މާފުއްޓަށް އަރަން އުޅުނީ އެހެން ރަށެއްގެ މީހެއް އަދި އެޗްޕީއޭގެ ހުއްދަ ނުހޯދާ: ކައުންސިލް
ކ. މާފުއްޓަށް އަރަން އުޅުނީ އެހެން ރަށެއްގެ މީހެއް ކަމަށާއި އެމީހާ ރަށަށް އަރަން އުޅުނީ ހެލްތު ޕްރޮޓެކްޝަން (އެޗްޕީއޭ)ގެ ހުއްދަ ނުހޯދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

މާފުށި ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެޗްޕީއޭގެ ހުއްދައާއެކު އެރަށަށް ދިޔަ މީހަކު ރަށަށް ނާރުވައި އަނބުރާ ފޮނުވާލައިފިކަމަށް ބުނެ ޗެނަލް-13 އިން އާންމުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ.

އެގޮތުން މިފަދަ ދަނޑިވަޅެއްގައި ބަޔަކު ނާޖާއިޒު ފައިދާ ނެގުމުގެ ނިޔަތުގައާއި އާންމު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ދަރަޖައަށް، އެއިދާރާއާއި "ކ.މާފުށި ކޮވިޑް-19 ޓާސްކް ފޯސް" އާއި މާފުށީ ރައްޔިތުން ބަދުނާމުވާ ފަދަ ގޮތަށް ހަބަރު އާންމުކޮށްފައިވާތީ، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

"މިއިދާރާއިން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްކަމާއި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުންނާއި "ކ.މާފުށި ކޮވިޑް-19 ޓާސްކް ފޯސް" ދެއްވަވާ އިރުޝާދުތަކާއި ނިންމަވާ ނިންމެވުންތަކާއި އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރާނެކަން މިފުރުސަތުގައި ފާހަގަކުރަމެވެ." ކައުންސިލުން ބުނެއެވެ.

އެގޮތުން އެޗްޕީއޭގެ ނަންބަރު 2020/36، (ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ހާއްސަ ފިޔަވަޅުތައް އެޅުން އެންގުން)ގެ އެއް ވަނަ ނަންބަރުގައި ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓައިލުން ބަޔާންކުރައްވާފައިވާއިރު، ކައުންސިލުން އަމަލުކޮށްފައިވާނީ އެއެންގުމުގައި ވާގޮތުގެ މަތިންކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ އެރަށު ކޮވިޑް-19 ޓާސްކް ފޯސްގެ އަށް ވަނަ ބައްދަލުވުމުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަރަންޓީންގެ މުއްދަތު ހަމަކޮށްފައިވާނަމަ، އެރަށަށް އައުމާއި ރަށުން ފޭބުމުގެ ހުއްދަ ދެވޭނީ އެމީހަކު ހުރި ރަށެއްގެ ކައުންސިލް ނުވަތަ ކަމާއި ގުޅުންހުރި ފަރާތެއްގެ ހުއްދަ ލިޔުމުން ލިބިގެންކަމާއި އެފަދަ ގޮތަކަށް ފުރާ ފަރާތްތަކަށް އަނބުރާ ރަށަށް އަންނަ ހުއްދަ ނުދިނުމަށް ނިންމަވާފައިވާކަމަށެވެ.

މިދިޔަ މަހު 29 ގައި އެރަށަށް އެރުމަށް މަސައްކަތް ކުރި މީހަކީ އެރަށު ރައްޔިތެއް ނޫންކަމާއި އެމީހާގެ އާއިލާގެ އެއްވެސް މީހެއް އެރަށުގައި ދިރިނޫޅޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެމީހާއަށް އެރަށަށް އެރުމުގެ ހުއްދަ އެޗްޕީއޭއިން ވެސް ދީފައިނުވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

"އެހެން ކަމުން އެޗްޕީއޭގެ ގެ ހުއްދައާއެކު މާފުއްޓަށް ދިޔަ މީހަކު މިރަށަށް ނާރުވައި އަނބުރާ ފޮނުވާލައިފިކަމަށާއި، އަދި އެކަންކުރީ މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު އިސްވެހުރެ މާފުށީ ރައްޔިތުން ނެރެގެން ކަމަށް ބުނެ މީޑިއާގެ ވަސީލަތްތަކުންނާއި އެހެނިހެން ގޮތްގޮތުން ދޮގު ހަބަރު ނުފެތުރުމަށާއި މައުލޫމާތު ގެނެސްދޭއިރު، އެމައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން ކަށަވަރުކުރުމަށް މިފުރުސަތުގައި އިލްތިމާސް ކުރަމެވެ." ކައުންސިލުން ބުންޏެވެ.

މާފުއްޓަށް ދިޔަ މީހަކު ރަށަށް ނޭރުވި މައްސަލައިގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ މާފުށީ ކައުންސިލަށް ނަސޭހަތްތެރިވެފައެވެ. 

އެ އިދާރާއިން މާފުށި ކައުންސިލަށް ނަސޭހަތްތެރިވެފައި ވަނީ އިންޑިއާއިން އައުމަށްފަހު ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު އަނބުރާ ރަށަށް ދިއުމުން ރަށަށް ނޭރުވި މައްސަލައެއް އެ އިދާރާއަށް ހުށައެޅުމުންނެވެ. 

އެލްޖީއޭއަށް ހުށަހެޅި މި މައްސަލައާ ގުޅިގެން އެލްޖީއޭ އިން ވަނީ މާފުށީ ކައުންސިލަށް ނަސޭހަތްތެރިވެ ސިޓީއެއް ފޮނުވާފަ އެވެ.

އެގޮތުން މި ސިޓީގައި އެލްޖީއޭ އިން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ކައުންސިލަށް ނަސޭހަތްތެރިވެފަ އެވެ. އަދި ކައުންސިލުން ކަންކަން ނިންމާއިރު އެކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު ކަށަވަރުކުރެވިފައި ނުވާނަމަ ނުވަތަ ސުވާލު އުފެދޭފަދަކަމެއް އޮތްނަމަ އެކަމެއްގައި އަތޮޅު ކައުންސިލާއި އެލްޖީއޭގެ ލަފާ ހޯދުމަށް ވެސް އަންގާ ނަސޭހަތްތެރި ވެފައިވާކަމަށް ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް