ޗެއާޕާސަންގެ މަގާމު ހުސްވެފައި ވުމާއެކު، ޕާޓީގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަގުތީ ގޮތުން އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަކީ މި ޖަލްސާގެ މައިގަނޑު ބޭނުމެވެ.
މި ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި ފަންކްޝަން ފައިވް އިވެންޓް ހޯލުގައެވެ. ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާގެ ނަމެވެ. ގަފޫރު އެ މަގާމަށް ގެނައުމަށް، ޗެއާޕާސަންގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވެސް ވަނީ ތާއީދުކުރައްވައިފައެވެ.
މިދިޔަ މަހުގެ ފަހުކޮޅު މި ޖަލްސާ ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި ނަމަވެސް، އެ ރޭގެ ޖަލްސާގެ ތެރޭގައި މަސްލަހަތު ގެއްލި، ނިޒާމު ގެއްލުމުގެ ސަބަބުން ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ފައްޔާޒު އިސްތިއުފާ ދެއްވިއިރު، އެ ޕާޓީގެ އިސް ފަރާތްތަކުގެ މެދުގައި އޮތް ވާދަވެރިކަން އަދިވެސް ނުފިލާ އޮތްކަން ފާހަގަކުރެވެއެވެ.