އަންނަ އަހަރުގެ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދިނުމަށް ނިންމާފައިވާ ކަމަށް އީސީ ވަނީ ބުނެފައެވެ.
އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ އެއްވަނަ ދުވަހުގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އިންތިހާބަށް ކުރިމަތިލާ މީހާގެ ކުށުގެ ރެކޯޑް ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ދަރަނީގެ ރިކޯޑު ބަލައިގަންނާނެކަމަށް އީސީން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުށުގެ ރެޚޯޑް ދުރާލާ ސާފުކުރާނެ މަގު ފަހިކޮށްދިން ނަމަވެސް އެކަމަށް އެދޭ ފޯމުތައް ހުށަހަޅަން ޖެހޭނީ އިންތިހާބަށް ކުރިމަތިލުމަށް ކޮމިޝަނުން ހުޅުވާލުމުންކަމަށެވެ.
މިގޮތަށް ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދިނުމުގެ މަގުސަދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލާ އިންތިހާބަކަށްވެފައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ދުރާލާ ފެށޭނެހެން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފަސޭހަވެގެންދާނެގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުންކަމަށް އީސީން ބުނެއެވެ.