ads
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަފޫރު މިއަދު ބޭއްވި ނޫސްވެރިންެގ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ އެމްޑީޕީ
އެމްޑީޕީ ބައިބައިނުވޭ، އޮތީ ހިޔާލުތަފާތުވުމެއް: ވަގުތީ ޗެއާޕާސަން ގަފޫރު
ޕާޓީގެ ތެރޭގައި ބައިބައިވުމެއް އޮތް ކަމަށް ދެކެވޭ ވާހަކަަތަކަކީ ހަގީގަތެއް ނޫން ކަމަށް، އެމްޑީޕީގެ ހިންގުން ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
Advertisement

 އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޣަފޫރު ފާހަގަކުރެއްވި ގޮތުގައި އެ ޕާޓީއަކީ ފެށުނީއްސުރެ ވެސް ހިޔާލުތަފާތުވުންތަކާ އެކު ކުރިއަށްދާ ޕާޓީއެއް ކަމަށާއި މިހާރު ވެސް ފެންނަމުންދަނީ އެފަދަ ހިޔާލުތަފާތުވުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަނީ ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުން ނޫން ކަމަށާއި އެ ބޭފުޅުން އިސްކުރައްވަނީ ޕާޓީގެ މަސްލަހަތު ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. ސިޔާސީ ގޮތުން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަންނަވާ ފުރުސަތަކީ ޕާޓީގެ މެންބަރުން ކުރާ މަސައްކަތުން ލިބޭ އެއްޗެއްކަން ހަނދާންކޮށް، ވަކި މީހެއްގެ ފަހަތުން ޕާޓީ ދޫކޮށް ނުދިއުމަށް އޭނާ މެންބަރުންނަށް ގޮވާލެއްވި އެވެ.

މި ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުން ފާއިތުވި ދުވަސްތަކުގައި އެމްޑީޕީން ހިމޭނުން އޮތް ނަމަވެސް، ކަންކަން ދަނީ "ގޯހުން ނުބަޔަށް" ކަމަށްވާތީ ދެން ސަރުކާރު ޖަވާބުދާރީ ކުރުވަން ވަރުގަދައަށް މަސައްކަތް ފަށާނެ ކަމަށް ވަގުތީ ޗެއާޕާސަން ވިދާޅުވި އެވެ. ސަރުކާރުން ކަންކަން ކުރަނީ ހިތުހުރި ގޮތަކަށް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވުމަށްޓަކައި ޕާޓީގެ ހަރަކާތްތައް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބުކުރީ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެ މަގާމަށް އޭނާ ހޮވުނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް