އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި ޖެންޑާ މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ދެމުންގެންދާގަ ޚިދުމަތްތަކާއި އެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ގޮތުގެ މަޢުލޫމާތު ހޯއްދަވާފަ އެވެ.
އެގޮތުން އެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އެމީހުންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ވެސް ނައިބު ރައީސް ވަނީ އެ ތަންތަނުގެ އިސްވެރިންނާ މަޝްވަރާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާލެއެކޭ އެއްގޮތަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ ހިދުމަތް ހޯދާ އަތޮޅުތަކުގައި ތިބި މީހުންނަށް ވެސް ދަތިކަމެއް ނެތި ހިދުމަތްތައް ލިބޭކަން ކަށަވަރުކުރެއްވުމާއި މީހުންނަށް ބޭނުންވާ އެހެން ކަންކަން ވެސް ބެއްލެވުމަށް އެދިވަޑައިގެންފަ އެވެ.