ads
ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފީސް/ ފޮޓޯ:ބީއެމްއެލް
ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 45 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ކޮވިޑް-19 ރިކަވަރީ ސްކީމްގެ ދަށުން 45 މިލިއަން ރުފިޔާގެ ލޯނު މިހާރު ދޫކޮށްފައި ވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިހާތަނަށް ބޭންކުން އިވެލުއޭޓް ކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސް އިން އެޕްރޫވްކޮށްފައިވާ ލޯނުތަކުގެ ތެރެއިން 63 ލޯނާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި މީގެ ތެރެއިން ބޭންކަށް އަނބުރާ ލިޔުން ފޮނުވާފައިވާ ކަސްޓަމަރުންގެ ތެެެރެއިން 34 ކަސްޓަމަރަކަށް 45 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

ލޯނަށް ފައިސާ ދޫކުރުމުގެ މަރުހަލާ ނިމޭނީ ކަސްޓަމަރުން ބޭންކަށް އަނބުރާ ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުމުންކަމަށްވުމާއެކު، ކަސްޓަމަރުން ވިހާވެސް އަވަހަކަށް މި ލިޔުންތައް ފޮނުވުމަށް ބީއެމްއެލް އިން އިލްތިމާސްކުރެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް އަމާޒުކޮށްގެން ސަރުކާރުން ގާއިމްކޮށްފައިވާ ރިކަވަރީ ސްކީމްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.

މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިން އެކެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭ އިރު، މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން، މި މުއްދަތުގައި ވެސް ބޭންކުން ދަނީ ކުރިއެކޭ އެއްގޮތަށް ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރަމުން ކަމަށާއި ކަސްޓަމަރުންނަށް ބޭންކުން ދޫކުރާ ލޯނު އަދި ފައިނޭންސިން ފެސިލިޓީތަކުގެ އިތުރުން ރިކަވަރީ ސްކީމަށް އެދި ހުށަޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. 

ކޮވިޑް-19 އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށް ހިދުމަތްތަކަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން، ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ލޯނުތައް 6 މަސް ދުވަހަށް ފަސްކޮށްދިނުމާއި، ރާއްޖޭ އިން ބޭރުގައި ދަތިތަކާ ދިމާވެފައިވާ ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށް، ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގޮތްވެސް އެ ބޭންކުން ވަނީ މަގުފަހިކޮށްދީފައެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާޖުކުރުމަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދުވެސް ބޭންކުން ވަނީ އިތުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް