މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެ ގެނައުން
2025-01-07 14:51:56
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ. ވައިޑްބޮޑީ މަތިންދާބޯޓު ގެނެސް، ދުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ބޯޓުތައް ރާއްޖެއައުމުން، އެ ބޯޓުތަކުގެ އޮޕަރޭޝަން ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ވެސް ރައީސް މުއިއްޒެވެ. މި ބޯޓުގައި ތިން ކްލާހެއްގެ ސީޓު ހިމެނެއެވެ. އެއީ، ބިޒްނަސް ކްލާހާއި ޕްރިމިއަމް އިކޮނަމީ އަދި އިކޮނަމީ ކްލާހެވެ. މި އާ ބޮޑު ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމުގެ ކުރީގައި އެ ބޯޓަށް މަރުހަބާ ކިޔަން މޯލްޑިވިއަނުން ވަނީ ޚާއްސަ އެއާ ޝޯއެއް ވެސް ބާއްވާފަ އެވެ. އަދި، ބޯޓު އެއާޕޯޓުގައި ޕާކުކުރުމާ އެކު ރައީސް މުއިއްޒު ވަނީ ބޯޓު ބައްލަވާލައްވައިފަ އެވެ.