ރައީސް ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ބައްލަވާލުން
2025-03-19 15:43:57
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ޒިޔާރާތް ކުރައްވައި، ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ. ރައީސްގެ ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައި ވެއެވެ. ރައީސް އޮފީހުން ވަނީ އެ ޓާމިނަލަކީ އަހަރަކު ހަތް މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދިނުމަށް ޑިޒައިން ކުރެވިފައިވާ ޓާމިނަލެއްކަން ފާހަގަކުރައްވާފަ އެވެ. ވީއައިއޭގައި މިހާރު ބޭނުންކުރާ ޓާމިނަލުން ޚިދުމަތް ދިނުމުގެ ކެޕޭސިޓީއަކީ އަހަރަކު 1.5 މިލިއަން މީހުންނަށް ކަމަށްވާއިރު، އާ ޓާމިނަލް ހުޅުވުމުން އެ އަދަދު ހަތް މިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެެއެވެ.