ރައީސް މުއިއްޒަށް މެލޭޝިއާއިން މަރުހަބާކިޔުން
2025-04-28 14:11:26
ރައީސް މުހައްމަދު މުއިއްޒު އިއްޔެ މެލޭޝިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ. ޕުޓްރަޖާޔާގައި ބޭއްވި މި ރަސްމިއްޔާތު ފެށީ ޝަރަފުގެ ގާޑަކުންނާއި ދެ ގައުމުގެ ގައުމީ ސަލާމުންނެވެ. ރައީސް މުއިއްޒާއި ބޮޑުވަޒީރު އަންވަރު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ތައާރަފުގެ ސެޝަނެއްގައި ރައީސަށް މެލޭޝިއާގެ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ތައާރަފުކޮށްދެއްވި އެވެ. އަދި ރައީސް މުއިއްޒު ވަނީ ދިވެހި ވަފުދުގެ މެންބަރުން ބޮޑުވަޒީރަށް ތައާރަފުކޮށްދެއްވާފަ އެވެ. މިދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.