ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުން
2025-07-28 19:13:08
ސްރީލަންކާގެ ރައީސް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ. ލަންކާގެ ރައީސަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ދެ ޤައުމުން އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރައްވާ އެއްބަސްވުންތަކެއް އެކުލަވާލެއްވުމަށްވެސްވަނީ ހަމަޖެހިފަ އެވެ.