ތިން ރައީސުން އެކުގައި މަސައްކަތްކުރަން އެއްބަސްވުން
2026-05-15 23:24:25
ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެމްޑީޕީއާ ޚިޔާލު ތަފާތު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މި ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރަން އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު މަޝްވަރާކުރައްވަން އެއް މޭޒަކަށް މިރޭ ވަޑައިގެންފި އެވެ. މިއީ ކުރިން ވެދާނެ ކަމަށް ގިނަ ބަޔަކު ހީކުރި ކަމެއް ނޫނެވެ. އެއީ، މި ފަހުން ވެސް ޔާމީން ތަކުރާރުކޮށް އެމްޑީޕީއަށް ބަހުގެ ހަމަލާތަކާއި ތުހުމަތުތައް އަމާޒުކުރައްވާތީ އެވެ. އަދި، ވަރަށް ބޮޑަށް އެ ބޭފުޅުންގެ ހިޔާލު ތަފާތުވުމުންނެވެ. ނަމަވެސް އެ ތިން ބޭފުޅުން މިރޭ ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް "ފާޅުގައި އަރައިގަނެ" ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައިފަ އެވެ.