އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުން
2026-11-15 10:54:43
މިމަޝްރޫއު އިފްތިތާހް ކުރުމަށް މާލޭގެ ކުޅިވަރު އެކުވެނީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސްވެރިންނާއި، އެތައް ސަތޭކަ އާންމުންނާއި، ބައެއް ދަރިވަރުންވެސް ބައިވެރިވެފައިވޭ. މިމަޝްރޫއު އިފްތިތާހުކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޖުމަތީގައި ހުރި މޮނިއުމެންޓް މަތީގައި ދިއްލާފައިވާ ބޯޅައެއް ބަހައްޓަވާފަ. މިރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯވެސް އިފްތިތާހްކޮށްދެއްވާފަ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިމަޝްރޫއުގެ ޝިޢާރަކީ "އިހްތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފަ.