އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 634 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޫކޮށްފައިވަނީ، 537 މިލިޔަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރު ކައުންސިލްތަކަށް ބަޖެޓުކުރި 2.1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެކެވެ. ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބަޖެޓުކުރި މިންވަރަށްވުރެ 8 މިލިއަން ރުފިޔާ އިތުރަށް ކައުންސިލްތަކަށް ހޭދަކޮށްފައި ވެއެވެ.
އަދި އޭގެ ކުރީ އަހަރުވެސް ބްލޮކް ގްރާންޓުގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެ ވެއެވެ.
ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. ސިޓީ ކައުންސިލްތަކުގެ ތެރެއިން ވެސް މާލޭ ސިޓީ ކައުންސިލަކީ އެންމެ ބޮޑު އަދަދެއް ލިބޭ ކައުންސިލެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، "ބްލޮކް ގްރާންޓް" ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
ކުރިއަށް އޮތްތަނުގައި ކައުންސިލްތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫއުތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;