ގާނޫނު އަސާސީ ހަދައިގެން އާ ހިންގުމުގެ އޮނިގަނޑަކަށް ރާއްޖެ ހިންގަން އެށައެޅި ނަމަވެސް އެ ގާނޫނު އަސާސީން ތަސައްވަރު ކުރި ތެދުވެރި އިހުލާސްތެރި މީހުންނަށް ހިންގުމުގެ ތެރެއިން ޖާގަ ނުލިބުމުގެ ނަތީޖާއަކަށްވީ އާ ގާނޫނު އަސާސީ ހޯދުމަށް ވަކާލާތު ކުރި މައިގަނޑު ސަބަބުތައް ނައްތާ ނުލެވުމެވެ.
އިންސާފު ނުލިބުމާއި ހައްގު މިންވަރު ނުލިބޭކަމަށް ބުނެ، އެކަންކަން ޔަގީން ކުރުމަށް ހޯދި އާ ގާނޫނު އަސާސީއާ އެކު ރާއްޖެ ހިންގާތާ 17 އަހަރުވީ އިރު ވެސް އެ ޝަކުވާއަކަށް ނިމުމެއް ނެތެވެ. އެ ޝަކުވާތަކަށް ނިމުމެއް ނުގެނެވި ދުވަސްތައް މާޒީ ވަނީ ސިޔާސީ މީހުންގެ އިހްލާސްތެރިކަން ނެތުމުންނެވެ.
ސިޔާސީ މީހުންގެ ހުރިހާ ވެސް ވިސްނުމެއް ހުރިކަމަށް ފެންނަނީ ރާއްޖޭގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން އެ މީހުން ބޭނުންވާ ކަންކަންކޮށް އެ މަގަށް ރާއްޖެ ގެންދިޔުމެވެ. އެ ބޭނުމަށްޓަކައި ފުލުސް އޮފީހާއި ފަނޑިޔާރުގެ އާއި ޕީޖީ އާއި އެހެން ގޮސް ދައުލަތުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނު އަސާސީގައި އެކަށައެޅި ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ހުރިހާ އިދާރާއެއް ރައްޔިތުންގެ މަޖިލިސް ވެސް ހިމެނޭގޮތަށް ސިޔާސީ މަދު ބައެއްގެ ބޭނުމަށް ބޭނުން ކުރެވޭގޮތަށް ބަދަލުކޮށްލި އެވެ.
އެކަން ހުއްޓުވައި ހަމަ މަގަށް އަޅުވާނެ އިދާރާއެއް މުއައްސަސާއެއް ނެތުމުގެ ގެއްލުމާ ގައުމު ކުރިމަތިލަމުންދާއިރު، ސިޔާސީ މީހުންގެ މައްޗަށް ގަދަވާން ޖެހެނީ ދައުލަތް ހިންގުމާ ހަވާލުވާ މީހުންނަށް ފާރަވެރިވުމަށް އޮންނަ ކަމަށް ބުނާ ދައުލަތުގެ ހަތަރު ވަނަ ބާރު ކަމަށް ބުނެ އުޅޭ މީޑިއާތަކެވެ. ނުވަތަ ނޫސްވެރިންނެވެ. ނުވަތަ ނޫސްވެރިކަމުގެ ސިނާއަތުންނެވެ.
ރާއްޖޭގެ ހާލަތު ގޯސްވެފައިވާ މިންވަރަށް ބަލާއިރު، ރާއްޖޭގެ ރައްކާތެރިކަން ހޯދުމާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް މިހާރު އެޅިފައިވަނީ ނޫސްވެރިންގެ ބޮލުގަ އެވެ. ސަބަބަކީ ހަތަރު ވަނަ ބާރުގެ ނަމުގައި މީޑިއާ ހިންގާ އިރު، މީޑިއާއަކީ އަނެއް ތިން ބާރު ހަމަ މަގަށް އެޅުވުމުގެ ބުރަ އަމިއްލައަށް ބޮލު އަޅައިގެން އުޅޭ ބަޔަކަށްވުމެވެ. އަދި އެ މީހުންގެ ބާރުވެރިކަމާއި ނުފޫޒަކީ ވެސް ތޫނު ހަތިޔާރެއް ފަދަ އެއްޗެއް ކަމަށް ސިޔާސީ މީހުން ވެސް ދެކޭތީ އެވެ. ނަމަވެސް ސުވާލަކީ ރާއްޖެއަށް މިވަރުގެ ބޮޑު ގެއްލުމެއް 17 އަހަރަށް ވުރެ ގިނަ ދުވަހު ލިބެމުންދާ އިރު ނޫސްވެރިކަމުން ގައުމަށް ލިބުނު މަންފާއަކީ ކޮބައިތޯ އެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަހްމަދު ނާއިފް ވިދާޅުވީ މުޅި ނިޒާމް ފުޑިގެން ނުގޮސް އޮތީ ނޫސްވެރިކަމުގެ ސަބަބުން ކަމަށާއި ވެރިކަމަށް އަންނަ އެއްވެސް ބޭފުޅަކަށް ޖައްސަޖައްސައިގެން ދެ ވަނަ ދައުރެއް ނުލިބެނީ ވެސް ނޫސްވެރިކަމުން ފޯރުކޮށް ދޭ މައުލޫމާތުގެ އެހީގައި ރައިސްކަން ކުރައްވާ ބޭބޭފުޅުންގެ ކަންތައްތަކާއި އެ ބޭބޭފުޅުންގެ ސަރުކާރުގައި ހުރި ގޯސް ކަންކަން ހާމަ ކުރެވި، އެކަމުގެ ސަބަބުން ފުރުސަތު ގެއްލިގެންދަނީ ކަމަށެވެ.
ނޫސްވެރިކަމުން ގައުމަށް ލިބޭ ފައިދާ ބޮޑުކަމަށް ދެކޭ މީހުންގެ އަދަދު ވެސް ގިނަ އެވެ. އެ މީހުން ގަބޫލު ކުރާގޮތުގައި ނޫސްވެރިންގެ މަސައްކަތަކީ ހެޔޮގޮތުގައި ކުރާ ނަމަ ގައުމަށް މުހިންމު މަސައްކަތެއް ކަމަށް ގަބޫލު ކުރެއެވެ.
މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ހިރިގާ ހުޝާމް ވިދާޅުވީ ކޮރަޕްޝަނާ ވައްކަން އެއީ ނުރައްކަލެއް ކަމަށާއި އެކަންކަން ހުއްޓުވުމަށްޓަކައި އެނުރައްކަލާ ދެކޮޅަށް ތެދުވާ އެއް ބަޔަކީ ނޫސްވެރިން ކަމަށެވެ.
" އެމީހުން ލިޔަނީ އެމީހުން ސުވާލު ކުރަނީ. އެމީހުން ދިރާސާ ކުރަނީ. އެމީހުން މައުލޫމާތު ހޯދަނީ. އެމީހުން ޖަދަލު ކުރަނީ . އެމީހުން އަޑާ މަންޒަރު ގެނަސް ދިނުމުގައި ހަރަކާތްތެރިވަނީ. އެމީހުންނަށް އޮތް ނުރައްކަލަށް ބެލުމެއްނެތި ތެދު ހާމަކުރަނީ،" ނޫސްވެރިކަމުން ގައުމަށް ހޯދައިދެވުނު ރައްކާތެރިކަމަކީކޮބައިތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހުޝާމް ވިދާޅުވި އެވެ.
ރާއްޖޭގައި އަލަށް ގާއިމު ކުރި މީޑިއާ ކައުންސިލުގެ ފުރަތަމަ ރައީސް މުހައްމަދު ނަޒީފު ވިދާޅުވީ ގައުމެއްގެ އިގްތިސާދީ ރައްކާތެރިކަމަކީ ގައުމުގެ ސަލާމަތާ ގުޅިފައިވާ އެއް ކަމަކީ އެ ގައުމެއްގެ އިގްތިސާދެވެ. ދައުލަތާއި ވަކިވަކި އާއްމު ފަރުދުންގެ ފައިސާއަށް ވީގޮތް ނޭނގި ދިޔަ ބޮޑެތި މައްސަލަތައް އާންމުންނަށް ތިލަކޮށްދިނީ ނޫސްވެރިންނެވެ.
"މިސާލު: އެމްއެމްޕީއާރސި މައްސަލަ، ކޭޕާކް މައްސަލަ ގައުމެއްގެ ރައްކާތެރިކަން ގެއްލެނީ ރައްޔިތުންގެ މެދުގައި ބޭއިންސާފު އިތުރުވުމުން. ނޫސްވެރިންނަކީ ނުހައްގުން ހައްޔަރުކުރެވޭ މީހުންނާއި، އަނިޔާ ލިބޭ މީހުންގެ ވާހަކަތައް ލިޔެ، އެމީހުންނަށް އިންސާފު ހޯދައިދިނުމަށް ބާރުއަޅާފައި. ނަޒީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމަށް ދިމާވި ބޮޑެތި ކާރިސާތަކުގައި (މިސާލަކަށް: 2004 ގެ ސުނާމީ ނުވަތަ ކޮވިޑް-19 ބަލިމަޑުކަން) ނޫސްވެރިން ވަނީ ސައްހަ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދީފައިވާ ކަމަށާއި ރައްޔިތުންގެ ހާސްކަން ކުޑަކޮށް، ރައްޔިތުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދު ދީފައިވާ ކަމަށެވެ.
ނޫސްވެރިންނާ މެދު ޝަކުވާ ގިނަ ނަމަވެސް ރާއްޖޭގެ ރައްކާތެރިކަމަށްޓަކައި ނޫސްވެރިން ކުރަމުންދާ މަސައްކަތުން ގައުމުގެ ރައްކާތެރިކަމަށް ކޮންމެ ވެސް މިންވަރެއްގެ އެހީތެރިކަމެއް ލިބެ އެވެ. ނަމަވެސް ގާނޫނީ ނިޒާމުގައި ހުރި އުނި ކަންތައް ފިލުވަން މަޖުބޫރުވެފައިވާ ހާލަތެއްގައި ނޫސްވެރިންގެ އަމާޒު ހުންނަށްވީ މިހާރު ހުރި މިސްރާބަށްތޯ މިއީ ވެސް ވިސްނަން ޖެހޭ ކަމެކެވެ.
ނޫސްވެރިކަމަކީ ދައުލަތް ރައްކާތެރި ކުރުމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ނުހަނު މުހިންމު ވަސީލަތެކެވެ. ނަމަވެސް ސުވާލަކީ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު އަދި ރާއްޖޭގެ ނޫސްވެރިކަމަށް 83 އަހަރުވެގެންދިޔަ އިރު ނޫސްވެރިކަމުން ގައުމަށް ހޯދައިދެވުނީ ކޮން ރައްކާތެރިކަމެއްތޯ މިއީ ހުރިހާ ނޫސްވެރިން ވެސް އަމިއްލަ ނަފުސާ މެދުކޮށްލަން ޖެހޭ ސުވާލެއް ނޫން ތޯ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;