ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ދެ އަންހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. އެހެންވެ، އެއީ ކޮން ބައެއް ކަމެއް ސާފެއް ނޫނެވެ.
މަޖީދީމަގުން ރޭ މުޒާހަރާ ފެށުނުއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ އިސް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވާ ތަން ފެނުނެވެ.
މުޒާހަރާގެ ބައިވެރިންނަށް އަލިކިލަގެފާނު މަގުން އެއްވެސް ކޮޅަކަށް ނުދެވޭނެ ގޮތަށް ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި މުޒާހަރާގެ ބައިވެރިން އަލުން މަޖީދީ މަގަށް ނުކުމެ، ޗާންދަނީ މަގާއި މަޖީދީ މަގުގެ ހަތަރު އަނގޮޅީގައި އިށީނެވެ.
ދަންވަރު 12 ޖަހަން ކައިރިވެފައި ވަނިކޮށް، ފުލުހުން ރައިޓް ގިޔަރާއި ޝީލްޑާއެކު ނުކުމެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކުރި އެވެ. މި ކުރިމަތިލުމުގެ ތެރެއިން މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) ހިމެނޭހެން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މުޒާހަރާ ފައްޓަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޖަލަށްލާފައިވާ ނޫސްވެރިން މިނިވަން ކުރަންދެން މުޒާހަރާ ކުރުން ހުއްޓައި ނުލާނެ ކަމަށެވެ.
އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރީ ރައީސް މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;