ނަޝީދާއި ޔާމީން އަދި ސޯލިހު ގުޅިގެން މަސައްކަތްކުރަން ނިންމެވީ ކްރިމިނަލް ކޯޓުން ނެރުނު "ގެގު" އަމުރަކާ ހިލާފުވި ކަމަށް ބުނެ ދެ ނޫސްވެރިޔަކު ޖަލަށް ލާން ކުރި ހުކުމްތަކާ ވިދިގެން، މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ.
މި ބައްދަލުވުމުގައި ތިން ރައީސުން ވެސް ވަނީ ނޫސްވެރިންނަށް އޮތް ހުރަސްތައް ނައްތާލައި، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް ގޮވާލައްވާފަ އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މިރޭ ވަނީ ތިން ބޭފުޅުން ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފަ އެވެ. ގާތްގަނޑަކަށް 30 މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމުގައި ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
އެއްބަސްވުމުގެ ދަށުން ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި އެކަމާ ދެކޮޅަށް އަޑުއުފަލައިގެން ހައްޔަރުކުރި މީހުން ދޫކޮށްލުމަށެވެ. އަދި އަދަދުގެ ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތް ހުއްޓާލަން ވެސް ތިން ރައީސުން ގޮވާލެއްވި އެވެ.
އެ ތިން ބޭފުޅުން ސޮއިކުރެއްވި ކަރުދާހުގައި އެ ނޫނަސް މި ސަރުކާރުން ކުރަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:
ގާނޫނުއަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަތުން
ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުން
ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވައިލުން
މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވައިލުން
މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުން
ނޫސްވެރިން ޖަލަށްލުން
އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ، އިގްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުވެ، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް އަށަގެންފައިވީ ނަމަވެސް އެކަންކަން އިސްލާހު ނުކުރުން
އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ދިވެހިން ހޯދި ޑިމޮކްރެސީގެ ހަމަތައް ރާއްޖެއިން ފޮހެވިގެންދިއުން
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރާ ހިލާފުވި ކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޝަހުޒާން ޖަލަށްލާން ހުކުމްކުރީ 15 ދުވަހަށެވެ. އަދި ލީވާނަށް ދިނީ 10 ދުވަހުގެ ޖަލު ހުކުމެކެވެ.
ޝަހުޒާން ބަންދުގައި ބަހައްޓަން އަމުރުކުރީ "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ސުވާލުކުރުމުންނެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ "އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރަށް ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;