މިމަހުގެ ތިން ވަނަ ދުވަހު އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް އެ ސައިޓަށް ވަނީ އިންޒާރުގެ ވީޑިއޯއެއް އަޕްލޯޑްކޮށްފަ އެވެ. ދެ މިނެޓާއި 45 ސިކުންތުގެ މި ވީޑިއޯކޮޅުގައި ސަރުކާރަށް އިންޒާރުތައް ދެނީ ކާކުކަން ނޭނގޭ ގޮތަށް އިން މީހެކެވެ.
އިނގިރޭސި ބަހުން ވާހަކަ ދައްކާ މި ވީޑިއޯގައި އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ސަރުކާރުގެ ނެޓްވޯކްތައް ހެކްކުރާނެ ކަމަށާއި ސިއްރު މައުލޫމާތުތައް ލީކުކޮށްލާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އޭގެ އިތުރުން އެމީހާ ވަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުނުކުރާނަމަ ސަރުކާރުގެ ނެޓްވޯކްތަކުގެ އިތުރުން ފައިނޭންޝަލް އިންފްރާންސްޓްރަކްޗާތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ވެސް ސަރުކާރަށް ދީފަ އެވެ.
ކޮވިޑް-19އާ ގުޅިގެން މުއާސަލާތީ ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ، އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށްފައި ވަނީ ރާއްޖޭގެ އައިޕީއަކުން ކަމަށާއި އެއަށް ބޭނުންވާ ތަފްސީލީ ތަހުގީގުގެ ދިރާސާއެއް ކުރުމަށް ފަހު މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިކަން ކުރި މީހުންނަށް ހައްގު އަދަބުދޭން ޖެހޭ ކަމަށެވެ. އަދި ސިއްރު އެއްވެސް މައުލޫމާތެއް ހެކްކުރި މީހުންނަށް ލިބިފައި ނުވާ ކަމަށް ސެކިއުރިޓީ ޓީމުން މަައުލޫމާތުދޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެޗްޕީއޭގެ ވެބްސައިޓް ހެކްކޮށް ހިއްސާކުރި ވީޑިއޯގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އިންޒާރުދިން މީހާ ބުނީ ރާއްޖޭގެ 99 އިންސައްތަ މީހުންނަށް އާމްދަނީ ލިބޭނެ ދޮރުތައް ބަންދުވެފައިވާ ކަމަށާއި ކުލި ދެއްކޭނެ ގޮތެއް ނެތުމާއި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ ރާއްޖޭގައި ހިނގަމުން އަންނަކަންކަމާއި ގުޅިގެން ވެސް ސަރުކާރުން ފޯރުކޮށްދެނީ ދޮގު މައުލޫމާތު ކަމަށް އިންޒާރުދިން މީހާ ތުހުމަތު ކުރެ އެވެ.
އެ ސައިޓް ހެކްކުރިކަން އެނގުމާއެކު ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.