އަދަދު ނޫހުން ގެނައި ޑޮކިއުމެންޓަރީއަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމުން، އަދަދު ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒް މޫސާގެ ފަރާތުން އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

Advertisement
ކްރިމިނަލް ކޯޓުން "ގެގް އޯޑަރެއް" ނެރެނީ، "އަދަދު" ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ފަހު، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކޯޓުގައި އެދިގެންނެވެ.
އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- "އަދަދު" ނޫހުގެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
މިދިޔަ ހަފުތާގައި ކްރިމިނަލް ކޯޓުން ނެރުނު މި އަމުރު އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅިއިރު، މި އަމުރާ ހިލާފުވެގެން ކަމަށް ބުނެ، ދެ ނޫސްވެރިޔަކު ވަނީ ޖަލަށްލާފަ އެވެ.
އެ އަމުރު ހައިކޯޓުން މިއަދު ރިޖެކްޓްކުރީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ އެވެ. އޭގެ ފަހުން ފިޔާޒްވަނީ އެ މައްސަލަ އަލުން ހުށަހަޅައިފަ އެވެ. އެކަމަކު ފިޔާޒު ހުށަހެޅި ހުށަހެޅުމާމެދު ކޯޓުން އަދި ގޮތެއް ކަނޑަނާޅަ އެވެ.
އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.