މި ޕާޓްނަޝިޕް ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑްއަށް ދިރާގުގެ "އެލީޓް ކްލަބް" ގެ ޕާޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފަ އެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ލިމިޓެއް ނެތް ފައިބަގެ ކޮންމެ ޕެކޭޖެއް މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް، 150،000 ރުފިޔާއާ ހަމައަށް އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭނެއް އެއް އަހަރު ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިރާގު ލިމިޓެއް ނެތް ފައިބާ 30 އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން "ސްމާޓްވިއު އިންޑޯ ކެމެރާ" އެއް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ދިރާގު ލިމިޓެއް ނެތް ފައިބާ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ "ކްލައުޑް ސްޓޯރޭޖް" ސަބްސްކްރިޕްޝަން ވެސް ލިބިގެންދާނެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕީއާރް އެންޑް ސްޕޮންސަޝިޕްސް، ނަޝާޔާ ނައީމް ވިދާޅުވި ގޮތުގައި، ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އިތުރުން، މި ފަދަ ޕާޓްނަޝިޕްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ކަމަށެވެ.
އެލައިޑްގެ ފަރާތުން ވާހަކަދައްކަވަމުން އެލައިޑް ތަކަފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ ވިދާޅުވީ ދިރާގާ ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތު ހުޅުވައިލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހި ކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެލައިޑްގެ "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެ އެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދައެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނެ އެވެ. މި ޕްލޭނަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
ދިރާގުން ފޯރުކޮށްދޭ "ސްމާޓްވިއު" އިންޑޯ ކެމެރާ އަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި، ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. މި ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ. މީގެ އިތުރުން، ދެކޮޅަށް ވާހަކަދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ އާއިލާގެ މެންބަރުންނާ ނުވަތަ ޒިޔާރަތްކުރާ މީހުންނާ ވާހަކަދައްކައި، ކަންކަން ބަލައިލެވޭނެ އެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި މި އަހަރުގެ އޮގަސްޓް 19 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފަ އެވެ. އަދި، ދިރާގުގެ ލިމިޓެއްނެޓް ފައިބަ ޕްލޭންތައް ބޭނުންކުރަމުންގެންދާ އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުން "ހޯމް ކޮންޓެންޓްސް ތަކަފުލް" ޕްލޭންގެ ވައުޗާ ހޯދައި އެކްޓިވޭޓްކުރާނެ ގޮތުގެ މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ އެވެ.
މީގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ހާއްސަ ޕްލޭންތަކަކުން %10 އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މޯޓަ ކޮމްޕްރިހެންސިވް ޕްލޭން، ހޯމް ކޮންޓެންޓްސް ޕްލޭން، ހިޔާވަހި، އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނެ އެވެ. މި ގޮތުން، އެލައިޑްގެ ކަސްޓަމާ ކެއަރ ނުވަތަ ސޭލްސް ޗެނަލްތަކުން ހިދުމަތަށް އެދޭއިރު ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން މި ޑިސްކައުންޓްތައް ލިބިގެންދާނެ އެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ޕަސެންޓް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ފަހި ކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ މުޅި ރާއްޖެ ގުޅާލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ދިރާގާއި އެލައިޑާ ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނަކީ ހައި-ސްޕީޑް އިންޓަނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;