ads
ދަރިފުޅު - 20 ވަނަ ބައި
އެޕިސޯޑް 20
Advertisement

"ބީނިޝްއަށް ބައްޕަ ކާއެއްޗެއް ހަދާލަދެންތަ؟" ބަނޑުހައި ވެފައި އިންކަން ޔަގީންކޮށްފައި އަހަރެން ސުވާލު ކުރީމެވެ.

"ޔެސް، މަމީ ނޫޑްލްސް.. ޕްލީޒް"

"ޔެސް، ވީ ކޭން މޭކް މަމީ ނުޑްލްސް" އަހަރެން ބުނީމެވެ.

"އާން އާން.. ބައްޕައާއި ބައްޕަގެ ޕްރިންސެސްއާއި ދެމީހުން މީރުކޮށް ނޫޑްލްސް ކައްކައިގެން ކާލާ.. ބައްޕަ ލިބުނީމާ ފަހަދު ބޭބެ މަތިން ހަނދާންވެސް ނުހުންނާނެ.." ޑްރާމާ ގޮތްގަނޑު ދައްކާލަމުން ފަހަދު ބުންޏެވެ.

"ނޯ ނޯ ފަހަދު ބޭބޭ މައި ބެސްޓް ފްރެންޑް" ކުއްލިޔަކަށް އަހަރެންގެ ލޮލަށް ބަލައިލާފައި ބީނިޝް ބުންޏެވެ.

"ނޯ ނޯ.. ތިޔަ ހަދަނީ ހުސް ދޮގު" ބީނިޝްއާއި ދިމާކޮށްލުމަށް ފަހަދުވެސް ގަދަކުރި އެވެ.

"ނޯ ބީނިޝް ނޯ ލައި، މަންމަ ބުނީ ދޮގު ހެދުމަކީ ގޯސްކަމެއް" ވަރަށް ލޯބިކޮށް ބީނިޝް ބުނެލި އެވެ.

"ޔޫ ޑިޑްންޓް މިސް މީ" އަނެއްކާވެސް ފަހަދުގެ ޑްރާމާއިން ޝަކުވާ ފެށި އެވެ.

ފަހަދުގެ ބުނެލުމާއެކު، ހަމަ ކުއްލިޔަކަށް ބީނިޝް ވިސްނާލި އެވެ. މާނައަކީ ކޮބައިކަން، ފަހަދުއަށްވެސް އަހަންނަށްވެސް އިނގެ އެވެ.

ޗޮކެއް ކަނޑާލާފައި ހިނިގަނޑެއް ޖަހައިލެވުނީ މި ދެ ބުޅަލުގެ ކޯޅުން ފެށުނީކަން ޔަގީންވުމުންނެވެ.

"ހާވްވްވްވް... ޔޫ ހޭވް ޓު ތިންކް އެބައުޓް އިޓް ހާވްވްވްވވ" ފަހަދުގެ މޫނާއި މުޅިހަށިގަނޑުން ޑްރާމާ ދައްކަންފެށި އެވެ. 

ދެމީހުންކުރެ އެކަކުވެސް ޒުވާބު ނިންމާކަށް ނޫޅުނެވެ. ފަހަދުގެ މަގުސަދަކީ ކޮބައިކަން އަހަންނަށް ވަރަށް ރަގަޅަށް އެގެއެވެ. ދެކެވުނު ވާހަކައާއި ބީނިޝްގެ ސިކުނޑީގައި އޮތް ބިރުވެރިކަން ނެތިކޮށްލުމެވެ. އުފަލާއި މަޖަލުގެ ތެރެއަށް އެދަރިފުޅުގެ ސަމާލުކަން ގެނައުމެވެ. ފަހަދުގެ މި ފަދަ ކިތަންމެ ސިފައަކަށް އަހަރެން ފަހުރުވެރިވަމެވެ.

ބީނިޝްގެ ބޮލުގައި ބޮސްދީފައި އަހަރެން ތެދުވާން އުޅުނު ވަގުތު، އަހަރެންގެ އަތުން ބީނިޝް ދަމައިގަންފައި ގިލިގިލި ކޮށްޓަން ފަށައިފި އެވެ. ފަހަދުއާއި ބީނިޝްގެ ހުނުމުގެ އަޑުން ގޭތެރެ ފަޅުފިލުވައިލައިފި އެވެ.

"ބީނިޝް، އެންމެ ފަހުން އެއްޗެއް ކެއީ ކޮން އިރަކު؟" އަހަރެން ސުވާލުކުރީމެވެ.

ހެނދުނު އާފަލެއް ކެއިން ކަމަށް ބުންޏެވެ.

"މަންމާ؟" ބީނިޝްގެ މަންމަ ކެއީ ކޯންޗެއްތޯވެސް ސުވާލުކުރީމެވެ.

"އެއްވެސް އެއްޗެއް ނުކައި.. އިއްޔެވެސް، ސަންޑޭގައި ވެސް" ވިސްނާލާފައި ބީނިޝް ބުންޏެވެ.

"އެއްވެސް އެއްޗެއް..؟" ތަކުރާރުކޮށް ސުވާލުކުރީމެވެ.

މަންމަ ބަލިވެ އުޅޭތީ އެއްވެސް އެއްޗެއް ނުކެވެނީކަމަށް މަންމަ ބުނިކަމަށް ބީނިޝް ބުނެދިނެވެ. ބީނިޝް ކުޑަވީމައި ސަބަބެއް ބުނެނުދެވޭނެ ކަމަށްވެސް މަންމަ ބުނިކަމަށް ދަރިފުޅު ބުނެދީފި އެވެ.

"އިޓްސް އޯކޭ... ޕްރިސެސް އަށާއި ޕްރިންސެސްގެ ބަސް ނާހާ، ސްޓަބަން މަންމައަށް ކައްކަން ހިނގާ.." މަންމަގެ ދިފާއުގައި މި ދަރިފުޅު ނިކުންނާނެކަން އެނގިހުރެ އަހަރެންގެ ޖުމުލައިގައި ކައިރާއަށް ކުޑައިމީސް ބަހެއް ބުނީމެވެ.

"މަންމައަކީ ބަސްއަހާ ކުއްޖެއް.. މަންމަ ނޯ ސްޓަބް.." ގިނަ އިރެއް ނުވި އެވެ. މަންމަގެ ދިފާއުގައި އަޑު އުފުލައިފި އެވެ.

"ބައެއް ފަހަރު.." އެއް ލޯ މަރައިލަމުން އަހަރެން ބުނީމެވެ. 

"މިތަނުގައި ބާކީ ކުމާރެއް ހުރިކަން އެނގޭ މީހަކުވެސް މި ގޭގައި ނޫޅޭ" ދެރަވެލާފައި ކަމަށް ހަދާފައި ފަހަދުގެ އާޓު ދައްކައިލި އެވެ.

"ބާކީ ކުމާރް؟ ވަޓް ބާކީ ކުމާރް..؟" ދެ ބުމަ ދޭތެރެއަށް ރޫ އަރުވާލާފައި ބީނިޝް ސުވާލުކުރީ ވަރަށް ލޯބި ގޮތަކަށެވެ.

ފަހަދުއާއި އަހަރެންގެ ހިނިގަނޑު ނުހިފެހެއްޓުނެވެ. 

"ނޯ ނޯ ފަހަދު، ބީނިޝް ލަވް ޔޫ.. ނޯ ބާކީ ކުމާރް" ހިނިގަނޑުގެ މާނަ ބީނިޝްއަށް އެނގުނު ފަދަ އެވެ. ކުއްލިޔަކަށް އޭނާގެ ކޮޅަށް ފަހަދު އަނބުރާލުމުގެ މަސައްކަތް ފެށި އެވެ. 

ޑްރާމާއަށް ދެމީހުން ދޫކޮށްލާފައި  އަހަރެން މިސްރާބުޖެހީ ބަދިގެ އަށެވެ. ވީ އެންމެ އަވަހަކަށް މި ދެމައިންނަށް ކާއެއްޗެއް ދޭން އެބަޖެހޭތީ އެވެ.

=ވާހަކައިގެ މިހިސާބުން ކައިރާގެ ވާހަކަތަކަށް އިސްކަން ދޭނަމެވެ.=

ވަރުބަލިކަމާއެކު އެސްފިޔަތަށް ތަޅުވައިލީމެވެ. ފަނޑުގޮތަކަށް ފެންނަމުންދިޔައީ ލޮލަށް ފަރިތަ ނޫން ކުލަތަކެކެވެ. މިއީ އަހަރެންގެ ކޮޓަރިއެއް ނޫނެވެ. 

ކުރިއަށްވުރެން ބޮޑަށް ލޯ ހުޅުވާލީމެވެ. 

ހަގީގަތް ދެނެގަތުމަށް ވަގުތުކޮޅެއް ސިކުނޑިއަށް ބޭނުންވި އެވެ. މިއީ މާލިކްގެ ކޮޓަރި އެވެ.

ވާނުވާ އެނގުމާއެކު އަހަރެންގެ ލޯ ކުރިމަތީގައި އެނބުރިގަތީ މާލިކްއާއި އަހަރެންނާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. 

ހިފެހެއްޓުމެއް ނެތި ދެ ލޮލުގެ ހިމަކޮޅުން ކަރުނަ ދެމިގަތެވެ. ކޯތާފަތް ތެންމާލާފައި ދެ ތުންފަތް ތުރުތުރުލާން ފަށައިފި އެވެ.

ހިޔާލަށް އައީ މާލިކް މިތަނަށް އައި ފުރަތަމަ ދުވަހެވެ. 

އަހަރެން ފެނުމާއެކު މާލިކްގެ ހަރަކާތްތަކަށް އައި ބަދަލެވެ. 

މާލިކްއާއި ފަހަދުއާއެކު ބީނިޝް އުޅުނު ގޮތް އަހަރެންގެ ކުލަ މަންޒަރުގައި ރޯލްވާން ފެށި އެވެ. 

އެދުވަހުގެ އެވަގުތުގައިވެސް އަހަރެންގެ މައިބަދައިން ވަރު ދޫވި އެވެ. ހަގީގަތެއް ނޭގެ އެވެ. 

ތަގުދީރުގައި ފޮރުވިފައި އޮތް ސިއްރެއްވެސް ނުވިސްނެ އެވެ. އަހަރެންނާއި މާލިކްއާއި އަދި ބީނިޝްއާއި މާލިކްއާއި ގުޅުން ގާތްވާން ޖެހުނު ސަބަބެއްވެސް ނޭގެ އެވެ. 

އެދުވަހުވެސް މާލިކްގެ ނަޒަރު ސީދާވެފައި ހުރީ އަހަރެންގެ ލޮލަށެވެ. އެތަށް ސުވާލެއް މާލިކްގެ ލޮލުން އަހަރެން ދުށީމެވެ. ދެވެން ނެތް ޖަވާބަކަށް އޭނާ އިންތިޒާރުކުރިކަން އެ ދުވަހުވެސް އަހަރެން ދެނެގަތީމެވެ.

ބީނިޝްއާއި މާލިކްއާއެކު ހޭދަކުރި ކޮންމެ ވަގުތެއްގެ މަންޒަރު އަހަރެންގެ ލޮލުގެ ކެމެރާގައި ރައްކާކުރީމެވެ. މާލިކްގެ އެނދުގައި، މާލިކްގެ މޭމަތީގައި ގުޅަވެލައިގެން ބީނިޝް ޓީވީ ބަލަން އޮތް މަންޒަރުން އަހަރެންގެ ކަނދުރާއިން ހީބިހި ހިލުވާލިކަން ދެނެވޮޑިގެންވާނީ ހަމައެކަނި ﷲތައާލާ އެވެ. 

ލެޕްޓޮޕުން  މާލިކް މަސައްކަތް ކުރަމުންދިޔައިރު ކުޑަކުޑަ ބީނިޝް، ޝައުގުވެރިކަމާއެކު އޭނާގެ މޭމަތީގައި އޮވެގެން ޓީވީ ބަލަމުންދިޔަ އެވެ. 

ބަލަމުން ދިޔަ ޝޯވގެ އަޑު ކަންފަތުގައި ޖެހުމުން ހިނިވެސް އައި އެވެ. ބީނިޝް ބިގް ބޮސް ބަލަންފެށީ ކޮން އިރަކު ހެއްޔެވެ؟

އަހަރެން ހީކުރީ މާލިކްއަކީވެސް ކުޑަކުދިންނާއި ރަހްމަތްތެރި މިޒާޖެއްގެ މީހަކަށްވެފައި ބީނިޝްއަކީ ފަސޭހައިން ކޮންމެ މީހަކާވެސް ރައްޓެހިވާ ކުއްޖަކަށް ވާތީ އެކަން އެގޮތަށް ދިމާވެފައި ވަނީ ކަމަށެވެ. އެކަމަކު އަހަރެންގެ ވިސްނުން ރަގަޅެއް ނޫނެވެ. ހަގީގަތަކީ އެއީއެއް ނޫނެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. އިރުގެ ދޯދިތަށް ފެނުން ތޮޅެލުމާއެކު ބީނިޝް ފުންމައިގެން ތެދުވި އެވެ. އަމިއްލައަށް ރީތިވެލައިގެން ނަމާދުކޮށްލައިގެން ދުވެފައި އައީ މި އެޕާޓްމެންޓަށެވެ. 

މާލިކްގެ ގާތަށެވެ. 

އެކަމަކު، ދާދި އަވަހަށް އެނބުރި އަހަރެންގެ ގާތަށް އަތުވެއްޖެ އެވެ. 

އުފަލުން ފޮޅިފައި އިން ތާޒާ ފިނިފެންމަލެއް ފަދައިން ގެއިން ނިކުތް ނަމަވެސް، އެނބުރި ގެއަށް ވަންއިރު ހުރީ މިލާ މޯޅިވެފަ އެވެ. ތަކުރާރުކޮށް ސުވާލުތަށް ކުރުމުންވެސް ބީނިޝް ޖަވާބެއް ނުދިނެވެ. 

ވީ ނުވީއެއް ބަލަންޖެހުނީ ބޭބެއަށް ގުޅައިގެންނެވެ. 

އޮތީ އެންމެ މައްސަލައެކެވެ. 

ވަރަށް ކުއްލި ގޮތަކަށް މާލިކް ފުރައިގެން ދާން ޖެހުނީ އެވެ. 

ބީނިޝްގެ މާޔޫސްކަމުގެ އަސްލަކީ، މާލިކްއާއި ބައްދަލުނުވުމެވެ. 

އެދުވަހަށްފަހު ރެއާއި ދުވާލު ބީނިޝް ހޭދަކުރީ މާލިކްގެ ވާހަކަތަކުގައި އެވެ. އުފަލަކީވެސް، ޝަކުވާއަކީވެސް، އުއްމީދަކީވެސް މާލިކް އެވެ. މާލިކްއާއި ނުލައި އެންމެ ގަޑިއެއްގެ އިރު ހޭދަކުރާންވެސް ބީނިޝްއަށް ތަކުލީފަކަށް ވެއްޖެކަން އަހަރެން ދެނެގަތީމެވެ.

އެކަނިވެރި އެ ދުވަސްތަކުގެ ހަނދާންތަކާއި ރެއާއި އަދި މިއަދު ހެނދުނުގެ ހާދިސާތަކާއި ދުރަށް ދަތުރުކުރެވޭތޯ ބެލީމެވެ. 

އެ ހިޔާލްތަކުން ދުރުވާން ބޭނުމެވެ. 

ލޮލުގެ ކަރުނަ މައިތިރިކުރެވޭތޯވެސް ހިތްވަރު ކުރީމެވެ. 

އެކަމަކު ކާމިޔާބެއް ނުލިބުނެވެ. 

އަހަރެންގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ސިކުނޑިއަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ ފިކުރު ބޮޑުވެ އެވެ. ކުޑަކުޑަ ތުއްތު ދަރިއެކެވެ. އެ އުމުރުގައި ފެންނާން ނުޖެހޭ ކިތަންމެ މަންޒަރެއް ފެނިއްޖެ އެވެ. ނީވެންޖެހޭ ކިތަންމެ އަޑެއް، އަހަރެންގެ ކުޑަކުޑަ ބީނިޝްއަށް ވާނީ އިވިފަ އެވެ. 

އަހަރެންގެ ބަދު ނަސީބު ހަޔާތާއިމެދު ވިސްނާން ބޭނުން ނުވިޔަސް، އެ ހިތްދަތި ހިޔާލްތަކާއި ދުރަކަށް ނުދެވޭނެ އެވެ. 

ރިހެމުންދިޔަ ބޮލުގައި ދެ އަތުން ހިފެހެއްޓީމެވެ. 

ތެދުވެ، ހެޑްބޯޑްގައި ލެނގިލީމެވެ. 

ބޮލުގެ އިތުރުން ރިއްސަނީ ކޮންތާކު ކަމެއް އަންދާޒާ ކުރާކަށް ނޭގުނެވެ. ފައިގެ ދަށް ފުށުން ފެށިގެން ބޮލުގެ އިސްތަށިގަނޑާއި ދެމެދު، ވޭން ނާޅާ އެންމެ ގުނަވަނެއްވެސް ނެތީ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;