"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުގައި ކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުނު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement
ޖަލުން އިއްޔެ މިނިވަންވި ޝަހުޒާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ލީވާން އެއް ގޮޅިއެއްގައި ތިއްބާ އެކަހެރިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ.
"އޭގެ ފަހުން ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި މަރުތޭލައި ފުށްކަށި އަޅުގަނޑުގެ ގޮޅިއަށް ކޮންމެ ރެއަކުހެން ވަދެ އަޅުގަނޑު ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ތަޅައި ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން އަޅުގަނޑަށް ބިރު ދައްކަން ސައިޒްކުރަން،" ޝަހުޒާން ބުނެފައިވެ އެވެ.
މިނިސްޓަރު އިހްސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަހުޒާން ދެއްކި ވާހަކަތައް ދޮގު ކުރައްވާފަ އެވެ.
"މިކަމާ ގުޅިގެން ޖަލުގެ އެހެން ގައިދީންނާ ވެސް މިފަދަ ކަންކަމުގައި އަމަލު ކުރާ ގޮތަށް މި ދެ މީހުން ވާނީ މޮނިޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅީގައި ބަންދުކުރެވިފައި. އަދި އެ ފަހުން މީގެ ކުރިން ވެސް ޖަލުގެ ކަންކަމުގައި އަމަލުކުރާ ފަދައިން އެ ގޮޅިތައް ވާނީ ވަކި އިންޓަވަލްތަކުގައި ބަލާފާސްކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ޖަލަށް މަނާ ތަކެތި ވެއްދި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.