ads
ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު - ފޮޓޯ: އަވަސް
ފުލުހުންގެ އިންޓެލިޖެންސް ރީބްރޭންޑުކުރުމަކީ ގޯހެއް: ހަމީދު
ފުލުހުންގެ އިންޓެލިޖެންސް ހިދުމަތް ގައުމީ އިންޓެލިޖެންސްގެ ހިދުމަތުގެ ގޮތުގައި ރީބްރޭންޑްކޮށް ނަން ބަދަލު ކުރުމަކީ ގޯހެއް ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
Advertisement

މީޑިއަމްގައި ޝާއިއުކުރެއްވި ބްލޮގް ޕޯސްޓެއްގައި ހަމީދު ވަނީ، ފުލުހުންގެ އިންޓެލިޖެންސްގެ ނަމަށް އަމިއްލައަށް "ނެޝަނަލް" ނުވަތަ "ގައުމީ" މި ބަސް އިތުރުކުރުމުގެ ސަބަބުން ރާއްޖޭގެ ސަލާމަތީ އޮނިގަނޑާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ކަމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެފަ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި، ފުލުހުންގެ ތެރޭގައި ވަރުގަދަ އިންޓެލިޖެންސް ނިޒާމެއް އޮތުމަކީ ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، އެ ނިޒާމަށް "ގައުމީ" ނަން ދިނުމަކީ ބޮޑު ތަފާތެއް އޮތް ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަލާމަތީ ދާއިރާގައި ބޭނުންކުރާ ނަންތަކަކީ އޭގައި ބާރާއި، މަސްއޫލިއްޔަތާއި، އިޚްތިސާސާއި، ޒިންމާތަކެއް އެކުލެވިގެންވާ ނަންތަކެއް. ފުލުހުންގެ އިންޓެލިޖެންސްގެ ނަމަކީ 'ނޭޝަނަލް އިންޓެލިޖެންސް ސާވިސް' ކަމަށް ކަނޑައެޅުމުން، މިއީ މުޅި ގައުމުގެ އިންޓެލިޖެންސްގެ އެންމެ އިސް މުއައްސަސާއަކީ ފުލުހުން ކަމަށް ދޭހަވުމުގެ ފުރުސަތު އެބައޮތް،" ހަމީދު ލިޔުއްވާފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ހަމީދު ވިދާޅުވީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތްތައް މިހާތަނަށް ކުރަމުން އައީ އެކި މުއައްސަސާތަކުން އެ ތަނެއްގެ މެންޑޭޓާ އެއްގޮތަށް ކަމަށެވެ. 

ފުލުހުންނަށް، ފުލުހުންގެ އިންޓެލިޖެންސްގެ ދައުރު އަދާކުރާއިރު އެމްއެންޑީއެފުން ޑިފެންސް އިންޓެލިޖެންސްގެ ޒިންމާ އަދާކުރާކަން ފާހަގަކުރެއްވި އެވެ. ހަމަ އެގޮތަށް، ކަސްޓަމްސް، އިމިގްރޭޝަން އަދި އެހެނިހެން އިދާރާތަކުން ވެސް ގައުމީ ސަލާމަތަށް މުހިއްމު މައުލޫމާތު އެއްކުރާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް މިވަގުތު ބޭނުންވަނީ ހުރިހާ ބާރުތަކެއް ގުޅިގެން މަސައްކަތް ކުރާނެ "ގައުމީ އިންޓެލިޖެންސް ކޯޑިނޭޝަން ފްރޭމްވޯކެއް" ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، އިންޓެލިޖެންސްގެ ގާބިލުކަމާއި އަގުވަޒަންކުރުން ބިނާވަނީ ބޮޑު ނަމެއް ކިޔުމުން ނޫން ކަމަށާއި، އެއީ މަސައްކަތުގެ ފެންވަރާއި، ގާނޫނީ އިމުގެ ތެރެއިން ކުރާ ޕްރޮފެޝަނަލް މަސައްކަތުން ހޯދަންޖެހޭ އިތުބާރެއް ކަމަށެވެ. އެހެންކަމުން، ގައުމީ ސަލާމަތާ ގުޅޭ ހާއްސަ ގާނޫނެއް ވުޖޫދަށް އަންނަންދެން ފުލުހުންގެ އިންޓެލިޖެންސް ކުރިން އޮތް ނަމުގައި ބޭއްވުން މާ ބުއްދިވެރި ކަމަށް ހަމީދު ވިދާޅެފައިވެ އެވެ. 

"އެއް މުއައްސަސާއަކުން އެ މުއައްސަސާއެއްގެ ގާނޫނީ ބާރުގެ ބޭރުން ބޭރުވާ ނަމެއް ބޭނުންކުރާ ނަމަ އޭގެ ސަބަބުން އަނެއް މުއައްސަސާގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ. އޭގެ ސަބަބުން ބާރުވެރިކަމާއި ރިޕޯޓިން ލައިންތަކާއި އިންޓެލިޖެންސް މިލްކުވެރިކަމާ މެދު ސުވާލު އުފެދޭނެ،" އޭނާ ވިދާޅުވި އެވެ.

މި މަހުން ފެށިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ތެރޭގައި އިންޓެލިޖެންސް ޑައިރެކްޓްރޭޓްގެ ނަން "ނޭޝަނަލް އިންޓެލިޖެންސް ސާވިސް" އަށް ބަދަލުކުރުން ހިމެނެ އެވެ. 

މި ބަދަލުތަކަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ މުއައްސަސާއިން ބުނެ އެވެ.

މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ބޮޑުކުރުމާއި، ޖަވާބުދާރީވުން ހަރުދަނާކުރުމުގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ޒަމާނީކޮށް މުސްތަގުބަލަށް ބޭނުންވާ ބިންގާ އެޅިގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;