ads
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
7.2 މިލިއަން ރުފިޔާ ލިބޭ މަގާމެއް ހޯދަން 400 ވަރަކަށް މިލިއަން ރުފިޔާ ހޭދަ ކުރަނީ!؟
އެއީ ވަރަށް ޝަރަފްވެރި މަގާމެކެވެ. އެ މަގާމަށް އެދޭ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެ މަގާމު އަދާކުރައްވާ ބޭފުޅެއްގެ މަހު މުސާރައަކީ 120،000 ރުފިޔާ އެވެ. އެ މަގާމުން ފަސް އަހަރު ދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި ލިބޭނީ އެންމެ 7.2 މިލިއަން ރުފިޔާ އެވެ. ނަމަވެސް ސުވާލަކީ 7.2 މިލިޔަން ރުފިޔާ ލިބޭ މަގާމެއް ހޯދަން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދު ކުރަނީ ކީއްވެތޯ އެވެ.؟!
Advertisement

މި ދައްކަނީ ދިވެހިރާއްޖޭގެ "ރައީސުލްޖުމްހޫރިއްޔާ" ގެ މަގާމުގެ ވާހަކަ އެވެ. އަދި އެ މަގާމަށް އައުމަށާއި އެ މަގާމުގައި ފަސް އަހަރު ދުވަހު ހުރެގެން މުސާރައިގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީގެ ވާހަކަ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައުމަށް 400 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށް ގާނޫނީ ގޮތުން އެއްބަސްވާ މީހަކު ނުހުރެދާނެ އެވެ. 

ނަމަވެސް ފެށުނީއްސުރެ ރަށުތެރޭގައި ދައްކާ ވާހަކައެއް އޮވެ އެވެ. ވޯޓް ގަންނަ ވާހަކަ އެވެ. ވޯޓް ގަންނަ ކަމަށް ބުނާ ވާހަކައިގެ ހަގީގަތެއް ތޯ ވެސް ބަލަން ބޭނުންވާ މީހަކު ނެތް ކަހަލަ އެވެ.

ވޯޓް ގަނެގެން ރާއްޖޭގެ ރައީސްކަމަށް އަންނަ ކަމަށް ބުނެ ދައްކާ ވާހަކައިގެ ހަގީގަތެއްވޭތޯ ބެލުމަކީ އިންސާފުވެރި މުޖުތަމައެއް ބިނާ ކުރުމަށް ކޮންމެހެން ވެސް ކުރަންޖެހިފައިވާ ގައުމީ ބޮޑު މައްސަލަ އެކެވެ.

ވޯޓް ގަނެގެން ރައީސަކަމަށް ވާދަ ކުރަން އުޅެފައިވާ ނަމަ އެ އަމަލަކީ ނާއިންސާފުގެ ފެށުމެވެ. ނާއިންސާފުން ފަށާ މަސައްކަތަކުން ރައީސްކަން ލިބުމަށް ފަހު، އެ ރައީސަކު އިންސާފުވެރިވާނެ ގޮތެއް އޮންނާނެތޯ މިއީ ވެސް ކުރަން ޖެހިފައިވާ ސުވާލެކެވެ.

ވާދަވެރި ރިޔާސީ އިންތިހާބުތައް 2008 ވަނަ އަހަރުން ފެށިގެން ބާއްވަން ފެށި ފަހުން ރައީސްކަން ހޯދުމަށް ހިންގާ ކެމްޕޭނުތަކުގައި ބޮޑެތި ހަރަދުތައް ކުރާ ކަމީ އެންމެން ދަންނަ ބޮޑު ހަގީގަތެވެ. އެ ފަދަ ބޮޑު ހަރަދެއް ކުރަމުންދާއިރު އެ ހަރަދު ކުރަން ފައިސާ ލިބުނު ގޮތް ސާފު ކުރުމަކީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކުގެ ޒިންމާއަކަށް ނުވަނީ ކީއްވެތޯ އެވެ.؟ 

މިއީ މިހާރު އުފައްދަންޖެހޭ ސުވާލެކެވެ. އެ މުއައްސަސާތަކަށް އެ ފަދަ މައްސަލަތައް ބަލާނެ ހިތްވަރު ނެތް ނަމަ ނެތް ސަބަބަކީ ކޮބައިތޯ ވެސް ސާފު ކުރަން ޖެހެ އެވެ.

"މަލްޓިޕާޓީ ސިސްޓަމް އައުމާއެކު ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދިޔަ. ނަމަވެސް އެއާ އެކު އިންތިހާބުތަކުގައި އާދަޔާ ހިލާފަށް ފައިސާ ދައުރުވާ މިންވަރު އިތުރުވާ ކަމުގެ ވާހަކަ ވަރަށް ގަދައަށް އެބަ ދައްކާ. އެ ހާ ގިނަ އަދަދެއްގެ ފައިސާ ދައުރުވަނީ ކީއްވެތޯ އާއި ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރަށް ފައިސާ ހަރަދު ކުރާކަމުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ވެސް އެބަ ލިބޭ ނުސީދާކޮށް. އެކަމަކު ފިޔަވަޅެއް އެޅޭ ތަނެއް އަދި އެ ފަދަ ބޮޑު ތުހުމަތެއްގެ ހަގީގަތް ބެލޭނެ ގޮތެއް ނެތް،" ނަން ނުޖެހުމަށް އެދި އިންތިހާބުތަކުގައި ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބުވެގެން އިންތިހާބު ކާމިޔާބުވި މީހާއަށް ރައީސް ކަމުގެ ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި އޭނާއަށް ލިބޭނެ ކަމަށް ހިސާބުތަކުން ދައްކާ ފައިސާގެ އަދަދަށް ވުރެ ބޮޑު ހޭދައެއް ރިޔާސީ އިންތިހާބުގައި ކުރަމުންދާކަމުގެ ވާހަކަ ރަށުތެރޭގައި ދައްކާއިރު ތަންފީޒީ އިދާރާތައް ހިމޭނުން ތިބުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

"އަސްލު މި ދައްކާ ވާހަކަތަކުގެ ހަގީގަތް މިހާރު ބެލޭނެ. އެ ވަރަށް ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތައް ވަނީ ފުރިހަމަވެފައި. ނަމަވެސް އެ ތަންތަނުން ހިމޭނުން ތިބޭ ތިބުމަކީ ރައްޔިތުންނަށާއި ގައުމަށް ދެމުންދާ ވަރަށް ބޮޑު ގެއްލުމެއް. އަޅުގަނޑަށް އެބަހީވޭ އިންތިހާބުގައި ވާދަ ކުރާ މީހުންގެ ނުފޫޒުގެ ދަށުގައި ތަންފީޒީ އިދާރާތައް ތާށިވެފައި ތިބިހެން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އިންތިހާބީކަންކަން ދިރާސާ ކުރާ ދިރާސާވެރިއަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓް ގަންނަ ވާހަކަ އާއި ފަސް އަހަރު ތެރޭގައި ލިބޭ މުސާރައަށް ވުރެ ބޮޑު ހަރަދެއްކޮށްގެން ރައީސްކަމަށް އަންނަށް ވާހަކަ ރަށުތެރޭގައި "ގުގުމާ" އިރު ތަންފީޒީ އިދާރާތައް ހިމޭނުން ތިބުމަކީ ގައުމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އިންތިހާބުވެގެން އަންނަ ރައީސަށް ކަނޑައަޅާފައިވާ މުސާރައަށް ވުރެ ބޮޑު ހޭދައެއްކޮށްގެން ނޫނީ ރައީސްކަމަށް ނާދެވޭ ވާހަކަ ދައްކާއިރު، އިންތިހާބަށް ހޭދަ ކުރާ ފައިސާގެ އަދަދުތަކުގެ ހަގީގަތް ބެލޭވަރު ގާބިލުކަން ހޯދަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

"އަސްލު ބޮޑު ހޭދައެއްކޮށްގެން މި އަންނަ އައުމުގައި ވަރަށް ބޮޑެތި މައްސަލަ އެބަ އުޅޭ. މިސާލަކަށް ބޮޑު ހޭދައެއް ކުރަން ވާދަ ކުރާ މީހާއަށް ފައިސާ ދޭ ސަބަބު އެބަ ޖެހޭ ދެނެގަންނަށް. އެ ސަބަބު ޔަގީން ކުރުމަށް ފަހު އެބަ ޖެހޭ އެ ކަމަށް ދާއިމީ ފަރުވާއެއް ހޯދަން،" އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ނާޖާއިޒު ފައިދާގެ މައްސަލަތައް ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވީ ރައީސް ކަމަށް ވާދަ ކުރާ މީހަކު، އޭނާއަށް މަގާމު ލިބުމުން މަގާމުގެ މުއްދަތުގައި މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާ އާއެކު ޖުމްލަ ލިބޭ އަދަދަށް ވުރެ ބޮޑު ހޭދައެއްކޮށްގެން މަގާމަށް އެ އަންނަނީ ރައްޔިތުންގެ މުދަލާއި ފައިސާއިން ގާނޫނާއި ހިލާފަށް މަންފާ ހޯދުމަށް ކަމަށެވެ. 

"މަގާމުން ލިބެނީ އެންމެ 7.2 މިލިއަން ރުފިޔާ. މި ރާއްޖޭގެ ވެރިކަމަށް އަންނަން އެބަ ހަރަދު ކުރޭ ދެތިން ސަތޭކަ މިލިއަން ރުފިޔާ މަދުވެގެން. މިއީ ބޮޑު އަޖައިބެއް ދޯ. މިއީ ރޯމާ ދުވާލު ހިންގާ ބޮޑު ޖަރީމާއެއް ދޯ. ހޭދައެއް ކުރާ ނަމަ ހޭދަ ކުރާ ފައިސާއަށް ވުރެ މަގާމުން ލިބޭ ފައިސާ މަދު ނަމަ ބޮޑު ހޭދައެއް ކުރާނެ އިންސާނަކު ހުންނާނެ. އެހެންވީމަ މި ފަށަނީ ރައްޔިތުންގެ މުދަލާއި ފައިސާއިން ނާޖާއިޒުގޮތުގައި މުއްސަނދިކަމާއި މަންފާ ހޯދުމުގެ މަސައްކަތެއް. އެކަން ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހިފައި މި އޮތީ،" ނަން ހާމަ ކުރަން ބޭނުންނުވެ ވާހަކަ ދެއްކި ތަޖުރިބާކާރު ވިދާޅުވި އެވެ.

މަގާމު ހޯދުމަށް ހޭދަ ކުރާ ފައިސާ އާއި މުދަލަށްވުރެ މަގާމު އަދާކޮށްގެން ލިބޭ ފައިސާއި މުދަލުގެ މިންވަރު މަދު ނަމަ އެ ފަދަ މަގާމަކަށް ވާދަ ކުރުމުގެ ވިސްނުމާއި ޝައުގުވެރިކަން އެ ހުންނަނީ މަގާމުގައި ހުރެގެން "ހަލާލު ނޫން" ގޮތުގައި ފައިސާ އާއި މުދާ ހޯދުމަށެވެ. ނަމަވެސް މިއީ ދީނީގޮތުން ވެސް ހަރާމުކަމެއް ނަމަވެސް ސައްތައިންސައްތަ ދިވެހި ރާއްޖޭގައި މިކަން މި މަގަށް ހިނގާކަން ނޭނގޭ މީހަކު ހުންނާނެބާވަ އެވެ. 

އެހެންކަމުން ރައްޔިތުންގެ ފައިސާ އާއި މުދަލު ނަހަލާލުގޮތުގައި ބޭނުން ކުރަން ޝައުގުވެރިކަން ހުންނަ މީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރަން އެބަޖެހެ އެވެ. އެކަން ހުއްޓުވުމަށްޓަކައި އިލްމީ އަދި ތަޖުރިބާ އާއި އިންސާނީ ބުއްދި ބޭނުންކޮށްގެން ރައީސްގެ މަގާމަށް އަންނަ މީހާއަށް ގައުމުގެ ވަސީލަތްތަކުގެ މައްޗަށް ކޮންޓްރޯލް ނޯންނާނެ ގޮތެއް ހޯދުމަކީ މި ބޮޑު ޖަރީމާ ހުއްޓުވުމަށް ފަރުވާއަކަށް ނުވާނެބާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;