ރަށްރަށުގެ ކައުންސިލްތަކުން ރާއްޔިތުންނާއި ބައްދަލުކުރަން މާލެއިން ހިލޭ ޖާގަ ދިނުމަށް ހުށައެޅުއްވީ މާލޭ މޭޔަރު އާދަމް އާޒިމްއެވެ. މޭޔަރުގެ ހުށައެޅުމުގައި ވިދާޅުވީ މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން ދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކަށް ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ.
އެގޮތުން ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއްކަމަށްވެސް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ.
ކައުންސިލުން ވަނީ މޭޔަރުގެ މި ހުށައެޅުން ފާސްކޮށްފައެވެ. އެ ނިންމުން ފާސްކުރީ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް މާލެސިޓީގައި އުޅޭ ރައްޔިތުންނާ، ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުޢާމަލާތް ކުރުމަށް ފަސޭހަވެގެންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;