ސީފުޑް އެކްސްޕޯ އެޝިއާ 2026 ގެ 14 ވަނަ އެޑިޝަން ޖެހިޖެހިގެން ހަތަރުވަނަ އަހަރަށް ސިންގަޕޫރުގައި ބޭއްވިގެންދިޔައިރު، މިފަހަރުގެ މައުރަޒާއެކު، ސީފުޑް ޕްރޮސެސިން އިކުއިޕްމަންޓާއި، ޕެކޭޖިން އީޖާދުތަކާއި، އެކުއާކަލްޗާ ހައްލުތަކަށް ހާއްސަ "ސީފުޑް ޕްރޮސެސިންގ އޭޝިއާ" ވެސް ކުރިއަށްދިޔަ އެވެ.
މިމަހުގެ 2 އިން 4 އަށް ކުރިއަށްދިޔަ މި މައުރަޒުގައި ސަރަޙައްދީ ސީފުޑް ސަޕްލަޔަރުންނާއި، ރީޓޭލްޗެއިންތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަޕްލައިކުރާ ފަރާތްތައް ބައިވެރިވެފައިވެ އެވެ.
މިއީ ސިންގަޕޫރާއި ދެކުނު އޭޝިއާގެ މަހުގެ އެންމެ އިސް އުފެއްދުންތައް ގަންނަ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް ބައިވެރިންނަށް ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމަށް މިފްކޯއިން ހާމަކުރި އެވެ.
މިފްކޯއިން މި މައުރަޒުގައި ބައިވެރިވީ ކަށަވަރުކުރެވިފައިވާ އެކްޓިވް ބަޔަރުންގެ ލިސްޓަކަށް ބަލައިގެން ކަމަށްވުމުން، އާންމުކޮށް ޒިޔާރަތްކުރާ މީހުންގެ ބަދަލުގައި ސީދާ ޚިދުމަތް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި ދިވެހި ކަނޑުމަސް ބައިނަލްއަޤްވާމީ މާކެޓަށް އެކްސްޕޯޓްކުރުމަށް އުފައްދާފައިވާ ކުންފުންޏެއްގެ ގޮތުން، އޭޝިއާ ސަރަޙައްދުގެ ސީފުޑް އުފެއްދުންތައް ބާޒާރަށް ނެރެ، އިސްތިހާރުކޮށް، ވިއްކާ ގޮތް ދެނެގަތުމަށްވެސް މި އެކްސްޕޯއަކީ މުހިންމު މަންސައަކަށް ވެގެންދިޔަކަމަށް މިފްކޯއިން ބުންޏެވެ.
ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ގަނެވިއްކާ ފަރާތްތަކަށް ދަޅު މަހާއި ޕައުޗް މާސް ސަޕްލައިކުރުމަށް އެކަށީގެންވާ ފުރުސަތުތަކެއް ހޯދިފައިވާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރުތަކެކަށް ވާނެ ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.
މި މައުރަޒުގެ ސަބަބުން މިފްކޯއަށް މުހިންމު މާކެޓް ރިސަރޗް މަޢުލޫމާތުތަކެއްވެސް ލިބުނުކަމަށް އެކުންފުނިން ވިދާޅުވި އެވެ.
މީގެ ތެރޭގައި ވާދަވެރި ޤައުމުތަކުން ސީފުޑް އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އަގުތަކާއި، ޕެކޭޖިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބި، ދިވެހި ކަނޑުމަސް ބައިނަލްއަޤްވާމީގޮތުން އިސްތިހާރުކުރުމަށް މިފްކޯއިން ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް މިކަމުން އެހީތެރިވެދޭނެކަމަށް މިފްކޯއިން ފާހަގަކުރެ އެވެ.
ސީފުޑް އެކްސްޕޯ އޭޝިއާއަކީ ސަރަޙައްދުގެ އެންމެ މަތީ ފަންތީގެ ސީފުޑް ޓްރޭޑް މަންސަ ގޮތުގައި ކުރިއަރަމުންދާ މައުރަޒަކަށްވާއިރު، 2026 ވަނަ އަހަރުގެ އެޑިޝަންގައި މިފްކޯއިން ބައިވެރިވުމުން ރަމްޒުކޮށްދެނީ، ދުނިޔޭގެ ސީފުޑް މާރކެޓަށް އަންނަ ބަދަލުތަކަށް ސަމާލުކަންދީގެން، މުހިންމު އެކްސްޕޯޓް މާރކެޓްތަކުގައި ކުންފުނީގެ ދައުރު ފުޅާކުރުމަށް އޮތް ސާބިތުކަން ކަމަށް އެކުންފުނިން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;