އެމްސީއެސް އިން އަލަށް ވަޒީފާއާ ގުޅުނު އޮފިސަރުން ތަމްރީނުކުރުމަށް ހިންގި "3 ވަނަ އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފަސީހު ވަނީ، އޮފިސަރުން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބިކަން ހަނދާންކޮށްދެއްވައި، ގައުމީ ވާޖިބު އަދާކުރުމުގައި އިހުލާސްތެރިކަމާއި ތެދުވެރިކަން އިސްކުރުމަށް ގޮވާލައްވާފަ އެވެ.
އަދި ކަރެކްޝަންސްގެ އޮފިސަރުން ކުޑަ ބަޖެޓަކާއި ވަސީލަތްތަކާއެކު ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވައި، ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި ހައްގުތައް ނުގެއްލޭގޮތަށް މަސައްކަތްކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
މީގެއިތުރުން، އެންއެސްއެސްގައި އުޅުއްވި ދުވަސްވަރުގެ ތަޖުރިބާއަށް އަލިއަޅުވާލައްވަމުން ފަސީހު ވަނީ، ކުރީގެ ޖަލުތަކުގެ ހާލަތާއި އަޅާބަލާއިރު ޤާނޫނީ އޮމާންކަމާއެކު ތަމްރީނު ލިބިފައިވާ އޮފިސަރުންނާއެކު މިހާރު ޖަލުތަކުގެ ނިޒާމަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވާފަ އެވެ.
ރޭ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތަކީ އޮގަސްޓް 30 އިން ސެޕްޓެމްބަރ 17 އަށް ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތެވެ. މި ޕްރޮގްރާމް ފުރިހަމަކޮށް 10 އޮފިސަރަކު ވަނީ ތަމްރީނު ކާމިޔާބުކޮށް ވަޒީފާގެ މައިދާނާ ގުޅިފަ އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަލްއުސްތާޒް އާއިޝަތު ޝިއުނާ، ހައިކޯޓުގެ ފަނޑިޔާރު އިސްމާއީލް ޝަފީއު، އަދި ކަރެކްޝަންސްގެ އިސް އޮފިސަރުންނާއި ދަސްވެނިންގެ ޢާއިލާތަކުން ބައިވެރިވި އެވެ.