މި ފެސިލިޓީ ފަރުމާކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީއާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސް އަނބުރާ ދެއްކުމުގެ ފުރުސަތު ފަހިކޮށްދީ، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދައުރުކުރާ މިންވަރު އިތުރުކުރުމާއެކު އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށް ދިނުމަށް ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބުނެފަ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނި ގޮތުގައި ޔޫއެސް ޑޮލަރުން ފެސިލިޓީއަށް ފައިސާ އަނބުރާ ދައްކާ ގޮތަށް ތައާރަފްކޮށްފައިވާ މި ފެސިލިޓީއަށް ކަނޑައަޅާފައި ވަނީ 7.5 ޕަސެންޓްގެ ކުޑަ ފައިދާ ރޭޓެކެވެ.
މިއީ ގެސްޓްހައުސް ވިޔަފާރިތަކަށް އިތުރަށް އިންވެސްޓްކޮށް ވިޔަފާރި ފުޅާކުރުމަށް ލިބިގެންދާ ލުއިފަސޭހަ ފައިނޭންސިން ފުރުސަތެއްކަން އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބުނެފަ އެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިން މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް ގިނަވެގެން 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 15 އަހަރުގެ މުއްދަތެއް ލިބެ އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ އާ ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި، މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް ފުޅާކުރުމަށާއި، އިމާރާތްތައް މަރާމާތުކޮށް ޒަމާނީ ކުރުމަށާއި، ލޯކަލް ޓުއަރިޒަމަށް އެހީތެރިވެދޭ ހިދުމަތްތައް ތަރައްގީކުރުމަށާއި، ވޯކިން ކެޕިޓަލް ހަމަޖެއްސުމުގެ އިތުރުން ޓެކްނޮލޮޖީގެ އާ އީޖާދުތައް ތައާރަފުކުރުމަށް މި ފައިނޭންސިން ބޭނުންކުރެވޭނެ ކަމަށެވެ.
ޔޫއެސްޑީ ރީޕެއަބަލް ގެސްޓްހައުސް ފައިނޭންސިން ތައާރަފުކުރުމާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ޔޫއެސް ޑޮލަރުން އާމްދަނީ ލިބޭ ގެސްޓްހައުސް ވިޔަފާރިތަކަށް މި ފެސިލިޓީގެ ސަބަބުން، ޔޫއެސް ޑޮލަރުން ފެސިލިޓީއަށް ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތާއެކު، ކުޑަ ފައިދާ ރޭޓެއްގައި ފައިނޭންސިން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ޑޮލަރުން އަނބުރާ ދައްކާ ގޮތަށް ތައާރަފްކުރި މި ފުރުސަތަކީ ގެސްޓްހައުސް ތަރައްގީ ކުރުމަށް ވާދަވެރި ފައިދާ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދީ، ލޯކަލް ޓުއަރިޒަމް ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް އިން ދޭ މާލީ ހިދުމަތްތައް އިތުރު ކުރެވިގެންދާނެ ކަމެކެވެ.
ޔޫއެސްޑީ ރިޕޭއަބަލް ގެސްޓްހައުސް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.