ޝިފާއުގެ ލީގަލް ޓީމުގެ އިސް ވަކީލަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. މި މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހުސެއިން މަޒީދު، ދީބާނާޒް ފަހުމީ އަދި އިސްމާއީލް ޝަފީއުއެވެ.
މިއަދުގެ އަޑުއެހުން ވަކި ހިސާބަކުން ހުއްޓާލުމަށްފަހު، މައްސަލައިގެ ބާކީބައި ކުރިއަށް ގެންދިއުމަށް ވަނީ މާދަމާއަށް ތާވަލުކޮށްފަ އެވެ.
އިސްތިއުނާފު ފެށިއިރު ޝިފާއު ހުރީ ޖަލުގައި ދެވެން ނެތް ސިއްހީ ފަރުވާއަކަށްޓަކައި އެއް މަސްދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފަ އެވެ.
ޝިފާއު "ކިންގްޑަމް އޮފް ފްރޫޓްސް" މެދުވެރިކޮށް 123,000 އަށްވުރެ ގިނަ ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ އެތެރެކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި 23 ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން 109 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައެވެ.
މި މައްސަލައިގެ ޝަރީއަތް ހިނގަމުންދަނިކޮށް އެގްރިކަލްޗާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރި ނަމަވެސް، ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.