ads
މެންދަމުގެ ދަތުރު
ހުކުރު ވިލޭރެއެކެވެ. ބަހަށް އަހަރެން އެރި އިރުވެސް ވަރަށް ލަސްވެއްޖެ އެވެ. މިއީ މެންދަމުގެ އެންމެ ފަހު ބަހެވެ. ވަރަށް މަދު މީހަކު ނޫނީ މިރޭ ވެސް ބަހުގައި ނެތެވެ. މިއީ އާންމުކޮށް މިގަޑީގައި ބަހުގައި އާންމުން ދަތުރު ކުރާ އަދަދު ކަމަށް ވެދާނެ އެވެ. މުޅި ބަހަށް ނަޒަރު ހިންގާލާއިރު ބަސް މި އޮތީ ހުސްކޮށޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަހަރެން މި އިނީ ބަހުގެ އެންމެ މަތީގައި އެވެ. މިތަނުގައިވެސް އަހަރެންގެ އިތުރުން ތިބީ ދެތިން މީހުންނެވެ.
Advertisement

މި ދަތުރުގައި އަހަރެން އިނަސް، މަންޒިލެއް ނުވަތަ ވަކި މަގުސަދެއް ނެތެވެ. މިއީ އަހަރެންގެ އާދައެއްކަން އިނގޭނީ ބަހުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެކަމަށް ސަމާލުވެގެން މީހަކު ފާރަލީއްޔާ އެވެ. މެންދަމުގެ މި ވަގުތުގައި އަހަރެން ދަތުރު ކުރުމަކީ އާންމު ކަމެކެވެ. މެންދަމުގެ ބަސް އަހަރެން އިހްތިޔާރު ކުރަނީ ސިކުނޑީގެ ހާސްކަން ފިލުވައިލާ، ބޮލަށް އުނދަގޫވެ އަދި ނުތަވަސްވާ ހުރިހާ ކަމަކުން އެއްކިބާ ވުމަށޭ ބުނެވިދާނެ އެވެ. 

ހަގީގީ މަގުސަދު އޮންނާނީ ވަރަށް ފުނުގައި ރައްކައުކޮށްފައި އެވެ.  

ހާސްކަން ފިލުވައިލުމަށް، އަހަރެން ދާނެ ވަކި ތަނެއް ނުވަތަ ވަންނާނެ އިތުރު ތަނެއް ނުހުރެ އެވެ. އެކުގައި ކޮފީއަށް އަރާނެ ރަހުމަތްތެރިއަކުވެސް ނުހުންނާނެ އެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ ހިއްސާގައި ހިމެނޭ ކަންކަމެއް ނޫނެވެ.

އަހަންނަކީ މޮޔައެއް ކަމަށް ހީކުރާ މީހަކުވެސް މި ވާހަކަ ކިޔާފާނެ އެވެ. އަހަންނަކީ މިސްރާބެއް ނެތި ވަގުތު ބޭކާރުކޮށް ހަކަތަ އިސްރާފު ކުރާ މީހެއް ކަމަށްވެސް ނިންމަފާނެ އެވެ. އެހެން މީހެއްގެ ވިސްނުމާއި ފިކުރާއި އަހަންނާއިމެދު ދެކޭގޮތާއި މެދު އަހަރެން ހާސްވެދާނެކަމަށް ހީނުކުރައްޗެވެ. ހިމޭން މި ވަގުތުގައި އެކަހެރިކޮށް މެންދަމުގެ ބަހުގައި ދަތުރުކުރުމަކީ އަހަރެންގެ މުޅި ދުވަހުގެ މާޔޫސްކަން ފިލައި ސިކުނޑި ތާޒާކޮށްލަން އެންމެ ހިތްގައިމު ފަރުވާ އެވެ. މިއަށްވުރެން ހިތްގައިމު މަންޒިލެއް އަހަރެންގެ ހަޔާތުގައި ތަޖުރިބާ ނުކުރަމެވެ.

މި ފަހަކަށް އައިސް އަހަރެންގެ ހަޔާތުގައި މިއަދު ވަރުގެ މާޔޫސީ ދުވަހަކަށް އިރެއް ނާރަ އެވެ. އަހަރެންގެ ލޯބިވެރިޔާ އާއި ދެބަސްވެ އަރާރުން ވުމުގައި މިއަދު ކުރިމަތިވި ހާސްކަމާއި ނުތަނަވަސްކަން އަހަރެންގެ ސިކުނޑިއާއި ހިތް މޮޅިކޮށްލައިފި އެވެ. އަހަންނަކީ ބޭނުމެއް ނެތް ބޭކާރު މީހެއް ކަމަށް އޭނާ ބުނެލީ އެތަށް ތުހުމަތެއް އަޅުވާފަ އެވެ. އެއްކަމެއްވެސް ކުރަން ނޭގޭ، ގަމާރެއްގެ ގޮތުގައި އޭނާ އަހަރެން އެ ސިފަކުރީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ވަކިވާން ބޭނުންވީމަ ވަކިވާން ވީ އެވެ. ބަދުނާމުކޮށް އިލްޒާމް ނާޅުވާށެވެ.

އޭނާއަށް އަހަރެންނަށް ވުރެން ރަގަޅު މީހަކު ލިބިއްޖެއްޔާ އެވާހަކަވެސް ބުނަންވީ އެވެ. އަހަރެންގެ ކިބައިގައި ހުރި ނުރަގަޅު ކަންކަން ރަގަޅު ކުރުމަށްވެސް ފުރުސަތު ދޭންވީ ނޫންހެއްޔެވެ؟

އެންމެ ފަހު ބައްދަލުވުމެއްގެ ގޮތުގައި، އެއް ފަހަރު ބައްދަލު ކޮށްދިނުމަށް އަހަރެން ކުރި އާދޭހަށް އިޖާބަ ދިނީތީވެސް ޝުކުރުވެރި ވީމެވެ. އެކަމަކު ބައްދަލު ކުރުމަށް އޭނާ އަންނާނީ ކަޅު އަނދިރި މެންދަމުގެ ލަސްވަގުތެއްގައި ކަމެއް ކުރިއަކުން ވިސްނައެއް ނުލެވުނެވެ. ކޮންމެއަކަސް އޭނާ އައުމާއި ދެމެދު އަދި ވަރަށް ވަގުތު އެބައޮތެވެ. ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ދަތުރެއް އަޅައިލެވޭނެ އެވެ. އަހަރެންގެ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އެންމެ ހާއްސަ ބައި މި ވަގުތުގައި ކޮށްލުމަށް ނިންމީމެވެ.

މާ ގިނަ އިރެއްނުވެ، ބަހުގެ ފުރަތަމަ މަންޒިލަށް އާދެވިއްޖެ އެވެ. އަހަރެންނާއި ދާދި ގާތުގައި އިން އަންހެނަކާއި ފިރިހެނަކު އެ މަންޒިލަށް ފައިބައިފި އެވެ. ހަމަ އެ ސިކުންތުގައި ޅަ ފުރައިގެ އަންހެނަކު އަހަރެންނާއި ދާދި ގާތުގައި އައިސް އިށީންދެއްޖެ އެވެ. އޭނާ އިށީނީ އަހަރެންގެ ކުރިމަތީ އިން ސީޓުގައި އެވެ. މިއޮތް ދަންވަރު ބަހުގެ ތިރީގައި މަޑުނުކޮށް، ހިމަސިޑިއަކުން މައްޗަށް އެ ދެމިގަތީ ކީއްކުރަން ބާއެވެ؟

ހަގީގަތެއް ނޭގެ އެވެ. ނަމަވެސް މުޅި ހިތާއި ހަށިގަނޑާއި އަހަރެންގެ ސިކުނޑި ސިގުނަލް ކުރީ، އޭނާގެ ކަންކަން މުޅިން ރަގަޅު ނޫން ކަމަށެވެ. މި އަންހެނާއަށް ސަމާލުވުމަށް އަހަރެންގެ ހަވަނަ ހިއްސު ރަގަބީލު އަޅައިފި އެވެ. އިހްސާސްތަކުގައި ނުތަނަވަސްކަން އެކުވެއްޖެ އެވެ. އަހަރެންގެ ގޮނޑިން ތެދުވެގެން އޭނާއަށް ދުރަށް ގޮސް،  އެހެން ސީޓެއްގައި އިށީނީމެވެ. އޭނާ އާއި ދިމާއަށް ނުވެސް ބަލަން އަޒުމު ކަނޑައެޅީމެވެ. 

ޖީބުގައި އޮތް ކުޑަ ނޯޓު ފޮތާއި ގަލަން ނެގީމެވެ.

އަހަރެންގެ މަސައްކަތް ފެށީމެވެ. 

އިރުކޮޅެއްގެ ތެރޭގައި ދެވަނަ މަންޒިލަށްވެސް ބަސް ހުއްޓައިފި އެވެ. ހީވާގޮތުން މިއީ ކޮންމެވެސް ކޮލެޖެއް ހުންނަ ސަރަހައްދެވެ. 

މަތީގައި ތިބި މީހުންގެ ތެރެއިން މިފަހަރު ފޭބީ ފިރިހެނެކެވެ. މިހާރު މި ތަނުގައި މި ތިބީ އަހަރެންނާއި އެއްކަލަ އަންހެން މީހާ އާއި ދެމީހުން އެކަންޏެވެ. 

އަހަރެންނާއި، އެ ގޮތް ނޭގޭ އަންހެން މީހާ އާއި ދެމީހުން އެކަނިވީ އެވެ. 

ބަހުގެ ތިރީގައި ބަޔަކު ތިބިކަމެއްވެސް ނެތް ކަމެއްވެސް ނޭގެ އެވެ. މިވަގުތު އަހަރެންގެ ސަމާލުކަން ހުއްޓުވާލަން ބޭނުމީ މި އަންހެން މީހާ ނޫން އެހެން މިސްރާބަކަށެވެ. ހިތުގައި ނުތަނަވަސްކަމެއް ނެތަސް ހިތްހަމަނުޖެހިފައި އަހަރެން ފުރަގަސް ދިނީމެވެ. އަންހެން މީހާއަށް އެވަރުން ވިސްނޭނެކަމަށް ޔަގީންކޮށްފައި އެވެ. 

ހަމަ ކުއްލިޔަކަށް އަހަރެންގެ ކުރިމަތީން ސީޓެއްގައި އޭނާ އިށީނުމަށް ނެގީ މަދު ވަގުތުކޮޅެކެވެ. ވަރަށް ގާތް ގޮތެއް ދައްކައިލަމުން ހިނިތުންވުމެއް ބަދަލުކުރެވޭތޯ އޭނާ މަސައްކަތް ކުރި އެވެ. އަހަރެން ކަހަލަ މީހަކާއި މިގޮތަށް މައްލަވަ ކުރާން އޭނާ ޖެހިލުން ނުވީތީވެސް އަންތަރީސް ވި އެވެ. 

މަގުގައި ދުއްވާ އެއްޗެހި މަދު ވަގުތަކަށް ވާތީ ބަސް ދުއްވަމުންދިޔައީ ބާރު ސްޕީޑުގައި އެވެ. ދުއްވަން އިން މީހާގެ ނަފުސާނީ ދުޅަހެޔޮކަމާއި މެދުވެސް އަހަރެން ވިސްނީމެވެ. ހަބަރުތަކުން ފެނިފައިވާ ގޮތުގައި މާލެ އާއި ހުޅުމާލޭގެ އަމަން ބަލަހައްޓާ ފުލުހުން، ކޮންމެ މަގެއްގެ ތަންތަންކޮޅުގައި ހަރަކާތްތެރިވެ އެވެ. އެކަމަކު މި ބަސް މިހައި ބާރު ސްޕީޑުގައި ދުއްވާއިރުވެސް، ހުއްޓުވާނެ ސަލާމަތީ ބާރެއް ނެތެވެ. ބިޔަ ގުންޑޮޅިތަކެއް ވަރުގެ އުސް 'ސްޕީޑް ބްރޭކަރ'ތަކުގެ މަތީން ބާރު ބާރަށް ދަތުރުކުރަމުންދިޔަ ބަހުގައި އަންހެނަކު މިހައި ފަރިތަކޮށް ސީޓް ބަދަލުކޮށްފާނެ ކަމަށް އަހަރެން މީގެ ކުރިން ހިޔެއް ނުކުރަމެވެ. އެކަމަކު މި ރާއްޖޭގައި މިކަންވެސް އާންމު ކަމަކީތާއޭ ހިތަށް އެރި އެވެ. 

ކޮންމެއަކަސް، އަހަރެންގެ މަންޒިލާއި 'ޓާގެޓަށް' ފޯކަސް ކުރާން މަސައްކަތް ފެށީމެވެ. އަހަރެންގެ ލޯބިވެރިޔާ އެންމެ ފަހުން ފޮނުވި މެސެޖްގައި ވާގޮތުން އޭނާ އައި ޓެކްސީން ފައިބައިގެން މަޑުކޮށްލައިގެން އެ ހުރީ އަހަރެންގެ 'ޕޮއިންޓު'ގައި އެވެ. 

އިށީންދެ އިން ސީޓުން ތެދުވެގެން ހިމަހިމަ ތާށި ސިޑިއާއި ގާތްވެ، ތިރިއަށް ދެމިގަތުމަށް ތައްޔާރުވީމެވެ. ވީ އެންމެ އަވަހަކަށް އެ އަންހެން މީހާ އާއި ދުރަށް ގޮސް، މި ބަހުން ފަސޭހަ ގޮތަކަށް ފޭބޭނެ ވަގުތެއްގެ އިންތިޒާރުގައި އެވެ.

ހުޅުމާލޭގެ 'އެ ސަރަހައްދަށް'ބަސް ހުއްޓުމަށް ހިނދުކޮޅަކަށް ވެފައި ވަނިކޮށް އެ އަންހެން މީހާ ތެދުވެއްޖެ އެވެ. (ނުނިމޭ) 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް