ފަނޑިޔާރުން ނާޖާއިޒުގޮތުގައި ނުފޫޒު ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ މަގާމުން ވަކިކުރީ ޖޭއެސްސީގެ ލަފަޔާއެކު މެއި 14، 2025 ގައި ރައްޔިތުންގެ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ. އަދި ފަނޑިޔާރު ހުސްނުއްސުއޫދުގެ ވަނީ އެ މައްސަލަ ހުށައެޅުމުން މަގާމުން އިސްތިއުފާދެއްވާފަ އެވެ
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށައެޅުއްވި ގަރާރުގައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، އޭގެ ތެރެއިން ދެ ފަނޑިޔާރަކު މަޤާމުން ވަކިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، މި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ޖިނާއި ދައުވާއެއް ނުކުރުމަށް 30 ސެޕްޓެންބަރު 2026 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައިވާކަމަށެވެ.
ކުޑޫގެ ގަރާރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ދެއްވި ލަފައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި މައްސަލައިގެ ތަހުގިގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލިއިރު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން، ނެތްކަމަށް ނިމްމާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމެވުމާ ގުޅިގެން، މި މައްސަލަ މިހާރު ފުލުހުންގެ ހިދުމަތުން ފައިލްކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ނުކުރުމަށް ނިންމެވި ނިންމެވުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާކަމަށް ކުޑޫގެ ގަރާރުގައި ވެއެވެ.
އެހެންކަމުން ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައިވަނީ، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ހާލަތުގައިކަމަށް ވުމާއެކު، އެކަމުގެ ޒިންމާ ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އުފުލައި، އެކަމަށް ޖަވާބުދާރީވާންޖެހޭކަމަށްވެސް ކުޑޫގެ ގަރާރުގައި ވެއެވެ.