މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގައި ވާހހަކަ ދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާއިރު ސަރުކާރުން އުނދަގޫތައް ކުރިމަތިކުރުވަމުން އަންނަކަމަށެވެ. އެގޮތުން ކައުންސިލްގެ ބަޖެޓުން ފައިސާ ކަނޑަމުން އަންނަކަން އާޒިމް ފާހަގަކުރެއްވި އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުންނަށް ބޮޑެތި ހިދުމަތްތަކެއް ދެމުން އަންނަ ކައުންސިލަކަށްވާއިރު ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ކަނޑާލީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުންކަމަށެވެ.
މީގެއިތުރުން ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި އޮތް މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމުން، އެ ތަންތަނުން ލިބޭ އާމްދަނީވެސް ހުއްޓުމަކަށް އައިސްފައިވާކަން މޭޔަރު އާދަމް އާޒިމް ފާހަގަކުރެއްވި އެވެ.