އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު، ހަމަދު އަބްދުﷲ އެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހެމުން ކޮމިޓީގައި ތިއްބަވާ ޕީއެންސީގެ މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް، އެމްޑީޕީގެ ދެ މެންބަރުން ވޯޓު ނުދެއްވާއިރު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ،
މާލިއްޔަތު ކޮމިޓީގެ އެ ނިންމުން ދެން ހުށަހެޅޭނީ މަޖިލީހުގެ ތަޅުމަށެވެ. އެ ހުށަހެޅުން ފާސްވާނީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު އެވެ.
ކޮންމެ އަކަސް އިއްޔެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ވެގެން ދިޔައީ ހަރަދު ބޮޑު ދިރިއުޅުމެއްގައި ތާށިވެފައި ތިބި ދިވެހިންނަށް ހިތްދަތި ހަބަރަކަށެވެ، ވާނީވެސް އެހެންތާ އެވެ. ކިޔަވައިގެން ވަޒީފާގެ ބާޒާރަށް ނިކުންނަ ގިނަ ދިވެހިންގެ ޝަކުވާ އަކީ ކިޔަވައިގެން ހޯދި ސަނަދު ތަކުގައި އަގެއް ނެތި އެއް އޮފީހުގައި އުޅޭ ސިޔާސީ މީހާގެ މުސާރަ އިންތިހާއަށް ބޮޑު ކަމުން ނެވެ. ޓީޗަރުންނާއި ނަރުހުންގެ ޝަކުވާ އަކީ ވެސް ހަމަ މި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ގައުމުގެ އިގްތިސާދީ ހާލަތައް ބެލުމެއް ނެތި، އިތުރު ހޭދަތަކެއް ކުރުމަށް ނިންމާ، ރިކަރަންޓް ޚަރަދު އިތުރަށް ބޮޑުވާނެ ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީ އަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ފައިސަލް ވިދާޅުވީ އިސްކަން ދޭންވީ ދަރަނިން އަރައިގަތުމަށާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ކަމަށެވެ. އަދި ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދޭން ޖެހޭ އެހީތެރިކަން މެދުކެނޑުމެއް ނެތި ފޯރުކޮށް ދިނުމަށާއި، އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ފޯރުކޮށް ދޭ އިޖުތިމާއީ ރައްކާތެރިކަން ހަމަހަމަކަމާއެކު ފޯރުކޮށްދީ، އަދި މުދާ ގަތުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލައަށް ހައްލެއް ހޯދައި ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސިޔާސީންގެ މުސާރަ އަށް ދެކޮޅަށް އަޑު އުފުލި އާންމު ރައްޔިތަކު ބުނީ މިނޫން ދުވަހެއްވެސް އަދި އެބައޮތްކަން ހަނދާންކޮށްލާ ނަމަ މި ފަދަ ނިންމުން މަދުވާނެ ކަމަށާއި ރައްޔިތުންގެ ފައިސާ ސިޔާސީ ބޮޑުންނަށް ބަހާލުމުގެ ޖަވާބު ދޭނީ ވޯޓުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކުރާނެ މަސައްކަތެއް އަދި ސަރުކާރަށް ނެރެވުނު ނަތީޖާއެއް ނެތްއިރު، މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ފާޑުކިޔައިފަ އެވެ.
ފައްޔާޒު ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް އަދި ނާންނަ ކަމަށެވެ. އަދި މަޖިލީހުން އެ ނިންމި ނިންމުމަކީ ރައްޔިތުންނަށް ކުރި ބޮޑު މަލާމާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި، އެތައް ރައްޔިތުންނެއް ދިރިއުޅުމުގެ ބޮޑު ދަތިކަމެއްގައި އުޅެމުންދާ ވަގުތެއްކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ސަރުކާރާއި މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސިޔާސީންގެ މުސާރަ ބޮޑުވުމުގެ ކަންބޮޑުވުން އޮތް އިތުރު މީހަކު ބުނީ ދައުލަތުގެ މާލިއްޔާ އިން މުސާރަ ދޭ މުވަައްޒަފުންގެ މެދުގައި މުސާރައިގެ ތަފާތު ހުރީ މިހާރުވެސް އަޖައިބުވާހާ މިންވަރުގައި ކަމަށެވެ. މުސާރައެއް ނޫނީ އިނާޔަތެއް ބޮޑު ކުރާއިރު ދައުލަތުގެ މާލިއްޔާއިން މުސާރަދޭ ހުރިހާ ލެވެލްގެ މުވައްޒަފުން ހިމެނޭގޮތް ވުމަކީ މިރާއްޖޭގެ އާންމު ރައްޔިތުންގެ އާމްދަނީއާއި ރައްޔިތުން ދިރިއުޅެމުންދާ ދަތި ދިރިއުޅުމަށް މުހިންމު ކަމެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ސިޔާސީ ވެރިންގެ މުސާރަތައް ހުރީ މިގައުމުގެ ތަނަވަސްކަމާއި އެކަށީގެންވާ ވަރުގައި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ސަރުކާރުން ބުނަނީ ހަރަދުތައް ކުޑަކުރަން މިއަހަރު ފިޔަވަޅުތަކެއް އަޅާފައިވާ ކަަށެވެ. އެކަމަކު، މާލީ ވުޒާރާއިން އާންމުކޮށް ނެރޭ ހަރަދާއި އާމްދަނީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަނީ އެ ވާހަކައާ މުޅިން އިދިކޮޅު މަންޒަރެކެވެ.
ސަރުކާރުން އަބަދުވެސް ބުނަމުން އަންނަނީ ހަރަދުތައް ކުޑަކުރަން މިއަހަރު ފިޔަވަޅުތަކެއް އަޅާފައިވާ ކަަށެވެ. އަދި ރައްޔިތުން ވެސް ހަރަދު ބަރަދަށް ބަލައިގެން އުޅުމަށެވެ. ދުނިޔެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ވަނިކޮށް ހަރަދު ބޮޑު ދިރިއުޅުމަކަށް ލޯބި ނުކުރުމަށް ސަރުކާރުން އެދެ އެވެ. އަދި ވަކިން ހާއްސަކޮށް މުސާރަ ބޮޑު ކުރުމަށް މުއައްޒަފުން "ވެރިން ގާތު" ނުކިޔުމަށް ވެސް ބުނެ އެވެ. އެއީ ދައުލަތުގެ ތިޖޫރީގައި ފައިސާ ނެތުމުން ނެވެ. ނަމަވެސް "ސިޔާސީންގެ މުސާރަ ބޮޑު" ކުރަން ވެއްޖެ ނަމަ މި ހުރިހާ ހާލަތު ނެތި ދަނީ އެވެ. އިއްޔެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ނިންމުމުން ވެސް ހާމަވީ މި މަންޒަރެވެ.